ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހުޅުމާލޭގައި ޒަހަމް ކޮށްލާފައި ވަނީ 28 އަހަރުގެ ޒުވާން ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވަނީ ރޭ ހުޅުމާލޭގައި މާރާމާރީއެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ވިދާޅުވީ ހުޅުމާލޭގައި 28 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ 00:10 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ޒަހަމްގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
ހުޅުމާލޭގައި ރޭ ހިނގި މާރާމާރި އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ތޫނު އެއްޗަކުން ހުޅުމާލޭގައި މީހަކަށް ހަމަލާދީފައި މިވަނީ މާރާމާރީތައް ނުހިނގާ އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ