ކުރު ޗުއްޓީއެއްގައި މިވަގުތު މިހިރީ ރާއްޖެއިން ބޭރުގައި ކަމަށާއި އެވާހަކަ އޭނާ ހޯދަން އުޅޭ މަންޖެ ކައިރީ ބުނުމަށް އެދިވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މިކަމަށް އެދިވަޑައިގެންފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ޝަރީފްގެ ޓްވީޓްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ޓެގް ކުރެއްވުމަށް ފަހު ލިޔުއްވާފައި ވަނީ މިވަގުތު ރާއްޖެ އިން ބޭރުގައި ހުރި ވާހަކަ "މަ ހޯދާ މަންޖެ ކައިރީ ބުނެލާތި" މިހެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މަންޖެ އެއްގެ ވާހަކަ ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވާއިރު މިއީ ބޮޑު މުއައްސަސާއެއްގެ ވެރިއެއް މިފަދަ ޓްވީޓެއް ކުރެއްވި ފުރަތަމަ ފަހަރެވެ. ޝަރީފްގެ ޓްވީޓްގައި އިޝާރާތް ކޮށްފައި ވަނީ ކޮން މަންޖެއަކަށް ކަމެއް ނޭނގެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް ދާދިފަހުން ރާއްޖެ އިން ބޭރަށް ދަތުރު ކުރެއްވުމުން އެވާހަކަ ޚަބަރުގައި ލިޔުއްވި އަންހެން ނޫސްވެރިޔަކަށް ހަބީބް ވެސް ވަނީ މީސް މީޑިއާގައި ފުރައްސާރަ ކޮށްފައެވެ.
ޝަރީފް ރާއްޖެ އިން ބޭރަށް ވަޑައިގެންފައި މިވަނީ އިލެކްޝަންސް ކޮމިޝަންގެ އެހެން ހުރިހާ މެންބަރުން ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންފައި ވަނިކޮށެވެ. ޝަރީފް ކުރިން "ވަގުތު" އަށް ވިދާޅުވެފައި ވަނީ އިންތިޚާބަށް ފަހު އާއިލީ ކަމެއްގައި ރާއްޖެ އިން ބޭރަށް ދިއުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް ނުފުރިގެން އުޅުއްވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީއެވެ.
ޝަރީފް އެނބުރި ދެން ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.
މިހިރީ ރާއްޖެ އިން ބޭރުގައި، މަ ހޯދާ މަންޖެ ކައިރީ ބުނާތި – ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ