ލަތީފުގެ އިސްލާހަށް ތާއީދެއް ނުކުރަން، އުސޫލާއި ހަމަ އަބަދުވެސް ހިފަހައްޓަވާ: އުމަރު

ވަކި ބޭފުޅުންތަކަކަށް އަމާޒުކޮށްގެން، ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭގޮތަށް ހުށައަޅާފައި އޮތް އޮތުމަށް ވޯޓް ނުދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
އުމަރު މިކަމަށް ގޮވާލައްވާފައިމިވަނީ ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭނެ ގޮތް ހެދުމަށް ޤާނޫނު އަސާސީއަށް އިސްލާހެއް ހުށައަޅާފައިވަނިކޮށް އުމަރުގެ ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ ވަކި ބޭފުޅުންތަކަކަށް އަމާޒުކޮށްގެން އުމުރުން 65 އަހަރުވެފައިތިބި ބޭފުޅުންނަށް ވެރިކަމަށް ކުރިމަތިނުލެވޭގޮތަށް ޕީޕީއެމުން މަޖިލީހަށް ހުށައެޅި ދުވަހު، އެމްއެމްޕީއާރުސީގެ ފައިސާގެ ބާރުގައި އެމްޑީޕީގެ މަޖިލީސް މެންބަރުން އެ ބަދަލަށް ވޯޓް ދެއްވިކަމަށެވެ.
އަދި މިއަދު އަނެއްކާވެސް ވަކި ބޭފުޅުންތަކަކަށް އަމާޒުކޮށްގެން، ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭގޮތަށް ހުށައަޅާފައިވާ ހުށައެޅުމަށް، ޕީޕީއެމް، އެމްޑﷲީޕީ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ވޯޓް ނުދެއްވާނެކަމަށް އުންމީދުކުރާކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އުސޫލާއި ހަމަ އަބަދުވެސް ހިފަހައްޓަންވާނެކަމަށެވެ.
ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭނެ ގޮތް ހެދުމަށް ޤާނޫނު އަސާސީއަށް އިސްލާހެއް އިންތިޚާބާއި ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު ވަނީ ހުށައަޅުއްވާފައެވެ.
ލަތީފު މިއިސްލާހު ހުށައެޅުއްވި އިރު، ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެދުމަށްވެސް ލަތީފު ވަނީ ގާނޫނަށް އިސްލާހު ހުށައަޅުއްވާފައެވެ.
ލަތީފު މިފަހަރު ހުށައަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ދަށަށް އަކުރެއް އިތުރު ކުރުމަށެވެ. އެމާއްދާއަކީ މަޖިލީހުގެ މެމްބަރުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާން ކުރާ މާއްދާއެވެ.
ލަތީފު ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުޠުތަކުގެ ތެރޭގައި ކުރިން ރައީސުލްޖުމުހޫރިއްޔާގެ މަޤާމު ފުރާފައިވާ ބޭފުޅެއް ކަމުގައި ނުވުން ޝަރުޠު ކުރުމަށެވެ.
ލަތީފުގެ މި އިސްލާހުތަކާއި، ސިޔާސީ ބައެއް ޕާޓީތަކުން ދެކޮޅު ހަދާފައިވާއިރު، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ، މައްޗަންގޮޅީ މެދު ދާއިރާގެ ކެންޕެއިންވެސް ކުރީގެ ރައީސް ނަޝީދު ވަނީ ފައްޓަވާފައެވެ.
އަދި ކުރީގެ ރައީސް ޔާމީންވެސް މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ބެލެވޭކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ