މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ފެށުމުގެ ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓު ކައިރީ ގިނަ ބަޔަކު ކިއު ހަދައިފިއެވެ.
މިއަދު 13:00 ގައި މިމައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށަން ނިންމާފައި ވާއިރު 10:00 ގައި ގިނަ ބަޔަކު ވަނީ ޝަރީޢަތުގެ މަޖިލީހަށް ވަނުމަށް ނަން ނޯޓް ކުރުމަށްޓަކައި ކިއު ހަދާފައެވެ. ޝަރީޢަތައް ވަންނަން ބޭނުންވާ މީހުންގެ ނަން ސުޕްރީމް ކޯޓުން ނޯޓް ކުރަން ފަށާނީ މެންދުރު 12:00 ގައެވެ.
ޝަރީޢަތައް ވަނުމަށް ކިއު ހަދައިގެން ތިބި މީހުންގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ބޭފުޅަކަށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް އެކަންޏެވެ. ނަމަވެސް ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާކުރާ ބޭފުޅުންނާއި ޕީޕީއެމްގެ އެކްޓިވިސްޓުން ކިއުގައި އެބަތިއްބެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
ޝަރީޢަތް ފެށުމުގެ ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓު ކައިރީ ކިއު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ