ޝުކުރު އަދާކުރުމަށް ރައީސް މައުމޫން މާފުއްޓަށް!

މާފުށީ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި އާއިލާއަށް މާފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރެއްވުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ދެކަނބަލުން އެރަށައް ވަޑައިގެން އެހީތެރިވެދެއްވި ރައްޔިތުންނާއި ބައްދަލްކުރައްވައިިފިއެވެ.
ރައީސް މައުމޫން މާފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް އެރަށައް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ.
މާފުށީގެ ބައެއް ރައްޔިތުންނާއި ބައްދަލްކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯތަކަކާއެކު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ މާފުށީ ޖަލުގައި އެމަނިކުފާނު ބަންދުކުރައްވާފައި ހުންނެވިއިރު އެމަނިކުފާނުގެ އާއިލާއަށް އެކިގޮތްގޮތުން މާފުށީގެ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށެވެ. އަދި އެ ރައްޔިތުންނާއި ބައްދަލްކުރައްވާ ރައީސް މައުމޫން ވަނީ ޝުކުރު ދަންނަވާފައެވެ.
ރައީސް މައުމޫންގެ އަރިހުގައި މި ދަތުރުފުޅުގައި، އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި، ދެ ދަރިކަނބަލުންކަމަށްވާ ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް މައުމޫންގެ އިސްލާހީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން، ރައީސް ޔާމީންގެ ސަރުކާރުން ހައްޔަރުކޮށް މާފުށީ ޖަލުގައި ބަންދުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަށްފަހު، އެ އަމުރު ތަންފީޒުކުރަން ދެކޮޅު ހަދާ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހުއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ހިފާ، ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކުރައްވާފައެވެ. އަވަސް އަރުވާލާ ރައީސް މައުމޫންގެ މައްޗަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ މައްޗަށް ހުކުމްވެސް އިއްވާފައިވާއިރު، ރައީސް މައުމޫންގެ ސިއްހީ ހާލަތަށް ބެއްލެވުމެއްނެތި، އެއް ޖަލުން އަނެއް ޖަލަށް ބަދަލުކޮށް، ރަނގަޅު ބޭސްފަރުވާގެ ފުރުސަތު ދިނުމަށްވެސް ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ.
ރައީސް މައުމޫނާއި، ފާރިސް މައުމޫނާއި، މުހައްމަދު ނަދީމް 7 މަސްދުވަހަށްފަހު ޖަލު ބަންދުން ސަލާމަތްވެފައިވަނީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބޮޑުތަނުން ބަލިވެ، އެމަނިކުފާނު މުއައްސަސާތަކަށް ފޯރުވާފައިވާ ނުރަނގަޅު ނުފޫޒުތައް ކެނޑިފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ