ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތެއް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ރައީސް މައުމޫންގެ މައްޗަށް އުފުލި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ޖަލުހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް މިމަހުގެ 11 ވަނަ ދުވަހު ވަނީ ބާއްވާ، އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، މާދަމާ ބާއްވާ އަޑުއެހުމަކީ ހުކުމް ކުރުމަށް ބާއްވާ މަޖިލީހެއް ކަމަށް ބެލެވެ އެވެ.
ރައީސް މައުމޫނުގެ މައްޗަށް އުފުލި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތްތަކުގައި ގާނޫނީ ވަކީލުން އައްޔަން ކުރަން އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށާއި އެމައްސަލައިގެ ބައެއް އަޑުއެހުންތައް ކުރިއަށްގެންދިޔައީ އިޖްރާއަތްތަކާ ހިލާފަށް ކަމަށް ދައުލަތުގެ ވަކީލުން ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެއްބަސްވެފައެވެ.
އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރަށް ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އެދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަދި ނުނިންމައެވެ.
ރައީސް މައުމޫނު ޖަލަށްލާން ކުރިހުކުމުގެ އިސްތިއުނާފް ޝަރީއަތެއް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ