މިހާރު އެންމެ ގިނައިން ފެންނަ އެއް އިއުލާނަކީ "ޗުއްޓީ ދުވަސް ވަރު ޓިއުޝަން ނަގައިދެން،" މި އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ބައެއް ބެލެނިވެރިން ހަގީގަތުގައި ވެސް އިސްކަން ދޭ ކަމެކެވެ.
އަހަރުގެ ގާތްގަނޑަކަށް 10 މަސް ދުވަހު ސްކޫލުގައި ބުރަކޮށް އުޅުމަށް ފަހު ލިބޭ ބަންދަކީ އަރާމުކުރަން އޮންނަ ފުރުސަތެކެވެ. އެހެންކަމުން ދޮޅު މަހެއްހާ ދުވަހުގެ ބޮޑު ބަންދުގައި ގިނަ ބެލެނިވެރިން ރާވަނީ ތަންތަނަށް ދާށާއި އާއިލާއާ އެކު ވަގުތު ހޭދަކުރުމަށެވެ. އެއްބައެއްގެ ނަޒަރުގައި އެއީ އާ އަހަރަށް ތައްޔާރުވާން އެންމެ ރަނގަޅު ގޮތެވެ.
ނަމަވެސް އަނެއް ބައި ބެލެނިވެރިން ބޮޑު ބަންދުގައި ވެސް ބަައެއް މާއްދާތަކުން ޓިއުޝަން ދެ އެވެ. އެފަދަ ބެލެނިވެރިންގެ ނަޒަރުގައި އެއީ އާ އަހަރުގެ ނަތީޖާ ރަނގަޅު ކުރަން މުހިންމު ކަމެކެވެ.
ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ސްކޫލު ބަންދު ދުވަސްތަކުގައި ވެސް ދުވާލަކު ގަޑިއެއްހާއިރު ކިޔަވަން ހޭދަ ކުރުން ރަނގަޅެވެ. ކިޔެވުމާ މުޅިން ދުރުވެއްޖެ ނަމަ އާ އަހަރު އަލުން ކިޔަވަން ފަށާއިރު އޭގެ ތެރެއަށް ވަންނަން އުނދަގޫވާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ނުވަ އަހަރަށް ވުރެ ގިނަ ދުވަހު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މަރިޔަމް ޝުޒުރާ ވިދާޅުވީ ކިޔެވުމަށް ނުވަތަ ދަރިވަރުން ކިބައިން ވަކި ކަމެއް ރަނގަޅު ކުރަން ބޭނުން ނަމަ ޗުއްޓީ ދުވަސްތަކުގައި ވެސް ވަގުތު ބަހާލައިގެން ކިޔަވާލުން ރަނގަޅު ކަމަށެވެ.
"މިސާލަކަށް ރީޑިން އިމްޕްރޫވް ކުރުމަށްޓަކައި ވަކި ގަޑިއެއް ކަނޑަ އެޅިފާނެ. އެ ގަޑީގައި ދަރިވަރުންނާ އެކީ ބެލެވިވެރިން ވެސް އިންވޯލްވެ ރީޑް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ޝުޒުރާ ގަބޫލުކުރައްވާ ގޮތުގައި ސުކޫލު ބަންދު ދުވަސްތަކުގައި ދަރިވަރުން ވަކި ތަނަކަށް ފޮނުވައިގެން ކްލާހެއްގައި ކިޔަވައިދޭ އުސޫލު ރަނގަޅެއް ނޫނެވެ. އޭނާ ވިދާޅުވީ ޗުއްޓީ ތެރޭގައި އަނެއްކާވެސް ކްލާހަކަށް ފޮނުވާ ނަމަ ކުދިންގެ ސްޓްރެސް ބޮޑުވާނެ ކަމަށެވެ.
"ކިޔަވާ ވަގުތަކީ ވެސް ވަރަށް އުފާވެރި ވަގުތަކަށް ހެދުން މުހިންމު. އަދި ހަމައެކަނި ފޮތަށް ހާނުވައިގެން ދަރިވަރުންގެ އެހެނިހެން ހުނަރު ރަނގަޅެއް ވެސް ނުކުރެވޭނެ،" ޝުޒުރާ ވިދާޅުވި އެވެ.
އިމާދުއްދީން ސުކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވި ގޮތުގައި ތިން ކަމެއް ފުރިހަމަކޮށްފި ނަމަ ޓިއުޝަން ނެގުމުން ދަރިވަރު ދުރުކުރެވިދާނެ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ތިން ކަމަކީ:
- ޓީޗަރު ކިޔަވައިދޭ އިރު ރަނގަޅަށް އަޑުއެހުން
- އޮޅުންއަރާ ކަންކަމާ މެދު ސުވާލުކޮށް، އިތުރު މައުލޫމާތު ހޯދުން
- ގޭގައި ވެސް ކިޔަވަން ވަގުތު ހޭދަކުރުން
"ދެ އިރު ދެ ދަޅަޔަށް ކުއްޖާ ޓިއުޝަނަށް ގެންދިއުމުގެ ބަދަލުގައި ކުއްޖާ އަމިއްލައަށް ވިސްނައި ކިޔަވާނެ ވަގުތެއް ހޯދައިދިނުން ވަރަށް މުހިންމު،" މުޖާހިދު ވިދާޅުވި އެވެ.
މި އޮތީ ބޮޑު ޗުއްޓީ ފެށިފަ އެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ ވެސް އުފާވެރި ދުވަސްވަރެވެ. އެހެންކަމުން މި އުފާވެރިކަމަށް ބުރޫއަރާނެ ކަންކަން ނުކޮށް ވޭތޯ ބަލަން ޖެހެ އެވެ. އެގޮތުން ސްކޫލް އޮންނަ ދުވަސްވަރު ޓިއުޝަނަށް ދަރިފުޅު ފޮނުވާ ބީދައިން، ޗުއްޓި ތެރޭގައި އެކަން ނުކުރަަން ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ބުނެ އެވެ.
ސްކޫލް ގައިޑް: ބަންދުގައި ޓިއުޝަނާ ދުރަށް ދޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ