ހަތިޔާރުނަގާ ހަނގުރާމަކޮށްގެންވެސް، މިނިވަންކަން ދިފާއުކުރާނަން: އުމަރު

ރާއްޖެ، އިންޑިއާގެ ސްޓޭޓަކަށް ނުހެދޭނެކަމަށާ ހަތިޔާރުނަގާ ހަނގުރާމަކޮށްގެންވެސް، ދިވެހި ގައުމުގެ މިނިވަންކަން ދިފާއުކުރާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ މިގައުމުގެ ސިޔާސީ ލީޑަރުން ރުއްސައިގެން، ސިޔާސީ ކެންޕެއިންތަކަށް ފަންޑުކޮށްދީގެން، 2030 ވަނަ އަހަރު އަންނަންވާއިރަށް، މިގައުމު އިންޑިއާގެ ސްޓޭޓަކަށް ހެދޭތޯ ޕްލެއިންކުރާ ބިދޭސީންނަށް ދަންނަވަން އޮތީ، ހަތިޔާރުނަގާ ހަނގުރާމަކޮށްގެންވެސް، މާތްﷲގެ ވާގިފުޅާއެކު ދިވެހި ގައުމުގެ މިނިވަންކަން ދިފާއުކުރާނެކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު، ދެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މުޒާހަރާ ކުރާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
މިގައުމުގެ ސިޔާސީ ލީޑަރުން ރުއްސައިގެން، ސިޔާސީ ކެންޕެއިންތަކަށް ފަންޑުކުރާކަމަށް އުމަރު ވިދާޅުވެފައިވާއިރު، އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ ހަތަރު ގުނަ ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ.
އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ ބޮޑުކުރަން ނިންމާ، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އެ ގައުމުގެ އަހަރީ ބަޖެޓްގައި ވަނީ އަދަދުތައްވެސް ހިމަނާފަ އެވެ.
އެގޮތުން މިއަހަރާއި އަންނަ އަހަރުގެ ވަކި ހިސާބަކަށް އިންޑިއާ އިން ރާއްޖެއަށް ދޭ އެހީގެ އަދަދުގެ ގޮތުގައި ހިމަނާފައިވަނީ 575 ކްރޯޑް ރުޕީސް ނުވަތަ 5.7 ބިލިއަން ރުފިޔާ އެވެ.
އިންޑިއާ އިން މިދިޔަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ދޭން ނިންމާ، އެގައުމުގެ އަހަރީ ބަޖެޓްގައި ހިމަނާފައިވަނީ 125 ކްރޯޑް ރުޕީސް ނުވަތަ 1.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އިންޑިއާ އިން ރާއްޖެއަށް އެހީގެ ގޮތުގައި ދިނުމަށް މިހާރު ހުށަހަޅާފައިވާ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 460 ޕަސެންޓް އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ