ސަފީރުކަމުގެ ފަތްކޮޅު އުމަރު އަބްދުލްރައްޒާގު އަރުވައިފި

ދިވެހިރާއްޖޭގެ ފަރާތުން ސްރީލަންކާއަށް ކަނޑައެޅި ސަފީރުކަމުގައިވާ ހ.ހިކިފިނިފެންމާގެ އުމަރު އަބްދުލްރައްޒާގު، އެބޭފުޅާގެ ސަފީރުކަމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އަރުވައިފިއެވެ.
އުމަރު އެބޭފުޅާގެ ފަތްކޮޅު ރައީސް ސިރިސޭނާއަށް އަރުވާފައިވަނީ، މިއަދު މެންދުރުފަހު ރައީސްގެ ގެކޮޅުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުމަރު އަބްދުލްރައްޒާގު ވަނީ ސްރީލަންކާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅާގެ ސަފީރުކަމުގެ ދަށުން ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރައްވާނެކަން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ސްރީލަންކާގެ ރައީސް ސިރިސޭނާ ވަނީ އުމަރަށް މަރުހަބާ ދަންނަވައި، ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާވުމަށް އެދޭކަމަށް ފާހަގަކުރައްވާފައެވެ.
ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމަށް އުމަރު އައްޔަންކުރެވުނީ މިދިޔަ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ