ޑިއުކް: ސްކައިޑައިވްކުރާ ކުއްތާއެއް

އެލެކްސް ކޯކާ އަކީ ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ މީހެކެވެ. އޭނާއަކީ ކުރީގެ ސިފައިންގެ މީހެކެވެ. ފުލުހެކެވެ. ސްކައިޑައިވިން އިންސްޓްރަކްޓަރެކެވެ. އަދި އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ މީހެކެވެ. ބައެއް ފަހަރަށް އޭނާއަކީ މި ހުރިހާ ކަމެއް އެއްފަހަރާ ކުރާ މީހެއް ވެސްމެ އެވެ.
ކޯކާ ބުނާ ގޮތުގައި އޭނާ ވަނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ބަރުދަނުގައި 75 ޕައުންޑު ހުރި، ޑިއުކް ނަމަކަށް ކިޔައި ކުއްތާ ގޮވައިގެން ހަތަރު ފަހަރު މަތިން ސްކައިޑައިވް ކޮށްފަ އެވެ. ވެސްޓް ޓެނަސީ ސްކައިޑައިވިންގައި ކޯކާ އޭނާގެ ކުއްތާއާއެކު ސްކައިޑައިވް ކުރުމުން، ޑިއުކް ވެގެން ގޮސްފައިވަނީ އެ ސެންޓަރުގައި ސްކައިޑައިވްކުރި ފުރަތަމަ ކުއްތާ އަށެވެ. މީގެ އިތުރުން ވެސް ޑިއުކް ހާއްސަވާ ބައެއް އެހެން ސަބަބުތައް އެބަހުއްޓެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ޑިއުކް އަކީ މީގެ ކުރިން ސްކައިޑައިވް ކޮށްފައިވާ ކުއްތާތަކަށް ވުރެ ބޮޑު ކުއްތާ އެކެވެ. ހަމައެއާއެކު އާއްމުކޮށް ސްކައިޑައިވް ކުރަނީ ސިފައިންގެ މަސައްކަތްތަކުގައި ބޭނުންކުރާ ސިފައިންގެ ކުއްތާތައް ނަމަވެސް، ޑިއުކް އަކީ އެފަދަ ސިފައިންގެ ކުއްތާއެއް ވެސް ނޫނެވެ.
އެސޮރު ސްކައިޑައިވް ކުރަނީ އެކަން ކުރާ ހިތުންނެވެ. ކޯކާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި ޑިއުކް ސްކައިޑައިވް ކުރުމަށް ގަޔާވާކަން އޭނާއަށް އެނގެނީ، ސްކައިޑައިވް ކުރާއިރު ޑިއުކްގެ ކަންފަތްތައް ސީދަލަށް ހުންނާތީ އާއި ކާރުގައި ދުއްވާފައިދާއިރު ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްގެން އޮންނަން ޑިއުކް ބޭނުންވާތީ އެވެ. ކޯކާ ސިފަކުރާ ގޮތުގައި ކާރުގެ ކުޑަދޮރުން ބޯ ދިއްކޮށްގެން އޮތުމަކީ ސްކައިޑައިވް ކުރުމެކޭ އެއް އިހުސާސެއް ކުރެވޭ ކަމެކެވެ.
ރަސްމީ ގޮތުން ސަނަދު ދީފައިވާ ފުރަތަމަ ސްކައިޑައިވް ކުރާ ކުއްތާއަށް ވުމުގެ ލަގަބު ހޯދުމަށް ޑިއުކްއަށް ބާކީ އޮތީ 21 ފަހަރު ސްކައިޑައިވް ކުރުމެވެ. މި ސަނަދު ލިބުމުން އޭގެ މާނައަކީ، ޑިއުކްއަށް އެސޮރު އަމިއްލައަށް އެކަނި ސްކައިޑައިވް ކުރުމުގެ ހުއްދަ ލިބުމެވެ. އެހެންނަމަވެސް ކޯކާ ބުނާ ގޮތުގައި ޑިއުކް އެކަނި ސްކައިޑައިވް ކުރަން ދޫކޮށްލުމަށްވުރެ އޭނާ [ކޯކާ] ޑިއުކް ދެކެ މާލޯބިވެ އެވެ.ޗ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ