ގެއްލުނު ފައިސާ ހޯދާ ކޮމިޝަންގައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ހަނާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރިކަމަށް ޕޮޒިޓިވް ވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަޒީފާ އިން 2015 ވަނަ އަހަރު ވަކިކުރި އައިޝަތު ހަނާ ވަހީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޭރުގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލު ވިޝާމް އާއި އަނބިކަނބަލުން ހަނާ އެމީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ހައްޔަރުކޮށް އެޕާޓްމަންޓް ފާސްކުރިއިރު މަސްތުވާތަކެތި ހުރި ހަ ސެލޯފިން ކޮޅާއި، ބޭނުން ނުކޮށް ހުރި ހަ ދަޅު ބިއަރާއި، ބޭނުންކޮށްފައި ހުރި ދެ ދަޅު ބިއަރު ފުލުހުން އަތުލައިގަތެވެ.
އެމައްސަލައިގައި ހަނާ އާއި ވިޝާމްގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރު ކުރިއެވެ. އަދި ދެބޭފުޅުން ފަހުން ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް ހަނާ އައްޔަން ކުރުމުން ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދާއިރު ނަޒާހަތްތެރިކަން ގެއްލިފައިވާ އެހެން ބައެއް ބޭފުޅުން ވެސް ރައީސް އުފެއްދެވި ކޮމިޝަންތަކަށް އައްޔަން ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. މިފަދަ ފާޑުކިޔުންތައް އެންމެ ގިނައިން ކުރިމަތި ކުރަމުން ގެންދަނީ ރައީސް ސޯލިހްގެ ސަޕޯޓަރުން ކަން ވެސް ފާހަގަ ކުރެވެއެވެ.
ރައީސް ސޯލިހް ވަނީ މިހާތަނަށް ރިޔާސީ ޤަރާރަކުން ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާ އަދި ކުށްވެރިން މިނިވަންކުރަން ކޮމެޓީއެއް ވެސް އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ