އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ ރައީސް ހައްޔަރުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު (އިބޫ) ހައްޔަރުކޮށްފި އެވެ.
އިބްރާހީމް މީގެކުޑައިރުކޮޅެއް ކުރިން ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒު ކައިރީގައި ހުންނަ ކެފޭއެއްގައި ތެރޭގައި އިންނަވަނިކޮށެވެ.
މަންޒަރު ދުށް މީހަކު ބުނީ އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއް ދެއްކުމަށްފަހު ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އިބްރާހީމް ރަޝީދު ހައްޔަރުކުރި ނަމަވެސް އޭނާއަށް ކުރާ ތުހުމަތަކީ ކޮބައިކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް ފުލުހުންގެ ބަންދުގައި ހުންނަވާތާ 25 ދުވަސް ފަހުން މިއަދު ދޫކޮށްލާފައިވަނިކޮށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާއިރު މީގެތެރޭގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ