ޗައިނާ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އެގައުމުން އަންގައިފި

ހަމަޖެހުން ލިބެންދެން ރާއްޖެ ދަތުރުނުކުރަން ޗައިނާ ރައްޔިތުންނަށް އެގައުމުން އަންގައިފިއެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ކަަމަށްވާ ގެން ޝުއާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖެއަށް ދަތުރުކުރަން ތައްޔާރުވެގެން ތިބި ޗައިނާގެ ރައްޔިތުން، ރާއްޖެ އަށް ހަމަޖެހުން ލިބެންދެން ދަތުރު ލަސްކުރަން އިލްތިމާސްކޮށްފައެވެ.
ޗައިނާގެ ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ގޮސްފައިވަނީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަންގާފައެވެ.
ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް ނަޝީދާއި، ގާސިމް އިބްރާހިމާއި، ކާނަލް ނާޒިމާއި، ފާރިސް މައުމޫނާއި، ޝައިހް އިމްރާނާއި، އަހްމަދު އަދީބާއި، ކުރީގެ ޕީޖީ މުހުތާޒާއި، މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް ނިހާނާއި ހާމިދު ސޭޓް ދޫކޮށްލުމަށެވެ.
މި އަމުރު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ކަމާބެހޭ މުއައްސަސާތަކުން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ލީޑަރުން މިނިވަން ކުރުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދި ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ