ސިންގަޕޫރުގައި ހުންނެވުމަށް ފަހު ގާސިމް ޖަރުމަނަށް ވަޑައިގެންފި

ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ހާލުދެރަވެގެން ފާރުވާއަށް ސިންގަޕޫރަށް ވަޑައިގެން އުޅުއްވުމަށްފަހު ،ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނު ވިލާތައް ވަޑައިގެންފި އެވެ.
ގާސިމްގެ ވަކީލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ ބޭސްފަރުވާ ކުރުމަށް އިންސާނިއްޔަތަށްޓަކައި ޖަރުމަނު ސަރުކާރުން ދިން ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި، ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރިއަށް ގެންދެވީ ޖަރުމަނުން ކަމަށެވެ.
އެގޮތުން ބޭސްފަރުވާ އަށް ގާސިމް މި ފަހަރު ޖަރުމަނަށް ވަޑައިގަތީ، ސިންގަޕޫރުގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ، ގާސިމްގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމައްވެސް ގާސިމް ގެ ވަކީލުން ނެރުނު ބަޔާނުގައި ވެއެވެ.
ގާސިމުގެ ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް އާ ކޮށްދީފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، ސިންގަޕޫރުގައި އޭނާއަށް ފަރުވާ ދީފައި ވަނީ އެގައުމުގެ ސަރުކާރުގެ ހާއްސަ ވިސާއެއްގެ ދަށުން ކަމަށް ގާސިމް ގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ހާމަކުރައްވައިފައިވެއެވެ.
ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިވަޑައިގެންފައިވަނިކޮށް، ގާސިމްގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން އޭނާ ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން އެކި ފަހަރު މަތިން ވަނީ މުއްދަތު އިތުރު ކޮށްދީފައެވެ.
އެންމެ ފަހުން ދިން މުއްދަތު މިދިޔަ މަހުގެ ތިން ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެންނަމަވެސް އިތުރަށް މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ކަރެކްޝަނުން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ