ސަރުކާރަށް އޮތް ފުރުސަތު ދަނީ ކުޑަވަމުން ކަމަށާއި އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުން ނޫންގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުން އީޔޫގެ އެހީތެރިކަމަށް އެދިފައިވާ އިރު އީޔޫގެ ސަފީރުން ސަރުކާރާ މަޝްވަރާ ކުރެއްވުމަށް ރާއްޖެ ވަޑައިގަތުމުން ބައްދަލު ނުކުރެއްވިކަމަށެވެ.
މި މަހު ހަތް ވަނަ ދުވަހު ރާއްޖެ ވަޑައިގެން އީޔޫ ވަފުދުގެ ބޭފުޅުން ވިދާޅުވެފައިވަނީ އެ ބޭފުޅުންނާއި ސަރުކާރުގެ ވެރިން ބައްދަލު ނުކުރެއްވި ކަމަށް ބުނަމުން ދިޔަނަމަވެސް، ދިވެހި ސަރުކާރުން ބުނެފައި ވަނީ އެ ވަފުދު ފުރައިގެން ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށް ކަމަށެވެ.
ޝާހިދު ވިދާޅުވީ އީޔޫގެ އިންޒާރާ ގުޅޭ ގޮތުން އެމެރިކާ އަދި އަވައްޓެރި ގައުމުތަކުން އަމަލު ކުރައްވާނެ ކަމުގެ ފެހި ސިގްނަލް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް އިންވެސްޓް ކުރުން ހުއްޓާލަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އީޔޫގެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ޤާނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަން ވައްޓާލުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އަރާ މިލިޓަރީ ބާރު ބޭނުން ކުރުމަށް ކުރީގެ ރައީސް ނަޝީދް ވަނީ އިންޑިޔާއަށް ގޮވާލާފައެވެ.
ސަރުކާރަށް އޮތް ފުރުސަތު ދަނީ ކުޑަވަމުން: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ