ވެރިކަމަށް އަންނަން ބޭނުންވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ގާސިމް ވާހަކަފުޅު ދައްކަވައިފި
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަން ބޭނުންވާކަން ދޭހަވާގޮތައް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފިއެވެ. ގާސިމް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވަނީ ތަހުގީގީ ބަންދަށް ފަހު ކޯޓުން މިނިވަން ކުރުމާއި ގުޅިގެން އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް، އެމްޑިޕީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ތިމާއަށް ބޭނުންވާ ކަމެއް، ނުވަތަ ތިމާއަށް ރަގަޅު ކޮންމެ ކަމެއް އަނެއް އިންސާނާ ވެސް ބޭނުންވާނެ ކަމަށާއި، އެހެންކަމުން ތިމާއެކޭ އެއް ފަދައިން އަނެއް އިންސާނާ ވެސް ރަގަޅު ގޮތުގައި ދިރިހުންނަން ޖެހޭނެ ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި އެޚިޔާލާއި ޝުއޫރުތައް ކޮންމެ އިންސާނެއްގެ ވެސް ހުންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ދުރުކުރެއްވުމަށް ގާނޫނާ ޚިލާފަށް އެއްވެސް މީހަކު މަސައްކަތެއް ނުކުރާ ކަމަށެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ނުވަތަ މަޖިލީހުގެ ރައީސްއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފް ކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ގާސިމް ބަންދުގައި ބެހެއްޓެވި މައްސަލަ ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މީހަކަށް ކުށެއްވެސް ކުރެވިދާނެ ކަމަށެވެ. އަދި ގޯސް ހެދުމުން ތަހުގީގެއް ކުރި ނަމަވެސް ނުވަތަ ޝަރީޢަތެއް ކުރި ޔަސް އެކުށުން އެމީހަކު ސަލާމަތް ކުރުން ވެސް އޮންނަންވާނެ ކަމަށެވެ. އަދި އެކުށުގައި އެމީހަކު ބައްދާ ހަފުސްކޮށްލުމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެއިތުރުން ވެރިކަމަށް އައުމަށް ބޭނުންވާ ފަދަ މޭރުމަކުން ގާސިމް ވާހަކަ ދެއްކެވި އިރު، ގާސިމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ބޭފުޅެއް ނޫންކަން ފާހަގަކޮށްލެވެއެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން 65 އަހަރުން މަތީގެ މީހަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަކަށް ނާދެވޭނެއެވެ. އަދި މީގެއިތުރުން ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް އެކަމަށް އެދިއެދި ހުރި މީހަކު އޭނާގެ ޝުއޫރުތައް ހާމަކުރުމަކީ ކުށެއް ނޫނެވެ. ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާ ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ގާސިމް ވާހަކަ ދައްކަވަމުން ގެންދަވާއިރު، ގާސިމަކީ 2008 ވަނަ އަހަރާއި، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި ކެންޑިޑޭޓެއްކަން ފާހަގަކޮށްލެވެއެވެ. އެހެނަމަވެސް މިއިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ރައްޔިތުން ވަނީ ގާސިމަށް ފާޅުގައި ނޫނެކޭ ބުނެފައެވެ. އަދި މިއިން ކޮންމެ ފަހަރަކު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމުން ކޮންމެ ގޮތެއް ވެސް ވަރިހަމައޭ ވިދާޅުވެ، ކޯލިޝަންގެ ތެރެއިން ވެރިކަމުގެ ބާރުގެ ތެރެއަށް ވަދެ ވަޑައިގެން ނަމަވެސް ގިނަވެގެން 6 މަސް ތެރޭ އަމިއްލަ ވިޔަފާރި އިސްކުރައްވާ ސަރުކާރާ ފެއަށް ގާސިމް ޖެހިވަޑައިގަންނަވައެވެ. ހުރިހާ މޮޅެއް ނުލިބޭނެއެވެ. އަދި އެންމެ މީހަކަށް ހުރިހާ ކަމެއް ވެސް ނުކުރެވޭނެއެވެ. އެހެންކަމުން އެހެން މީހުންނަށް ލިބޭ އުފަލާއި ނިޢުމަތަށް ހަސަދަވެރިވެ، ތިމާއަށް ރަގަޅު ކޮންމެ ކަމެއް އަނެއް އިންސާނާ ވެސް ބޭނުންވާނެ ކަމަށާއި، އަދި އެޚިޔާލާއި ޝުއޫރުތައް ކޮންމެ އިންސާނެއްގެ ވެސް ހުންނާނެ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް ގާސިމަކީ ގައުމުގެ ވަލިއްޔުލް އަމްރު ކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ރައްޔިތުން މިހާރު ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ