ހުސޭނުބޭ މަރާލި ކަމަށް އަހުމަދު އިބްރާހިމް އެއްބަސްވި: ހެއްކެއް

ހއ. ހޯރަފުށީ ހުސެއިން މުހައްމަދު މަނިކު (ހުސޭނުބެ) މަރާލި ކަމަށް އޭނާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އެރަށު އުއްމީދީ މަންޒިލް، އަހުމަދު އިބްރާހިމް އެއްބަސްވި ކަމަށް އެ މައްސަލައިގައި ހެކިބަސް ދިން މީހަކު މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
އަހުމަދު އިބްރާހިމްގެ އިތުރުން ހުސޭނުބޭގެ މަރުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިތުރު ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލަ އެވެ. އެއީ ހޯރަފުށީ ސޯސަންވިލާ، ނުއުމާން އަބްދުﷲ އާއި ޅޮހީގޭ، މުހައްމަދު ލަތީފެވެ.
މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން އަބްދުލްހަމީދު އަހުމަދު ބުނީ އޭނާ އަކީ އެރަށު ބޮޑުރިޔާގޭ ވެރިޔާ ކަމަށެވެ. އަދި އެހެން ގެއެއްގައި ހުއްޓާ އަހުމަދު އިބްރާހިމާ އެކު ފުލުހުން ގޮސް ބޮޑުރިޔާގެ ހުޅުވައިދިނުމަށް އެދުނު ކަމަށް ހަމީދު ބުންޏެވެ. އެ ގެ ހުޅުވައިދޭން އެދުމުން އޭނާ އެމީހުންނާ އެކު ބޮޑުރިޔާގެ އަށް ދިޔަ ކަމަށް ވެސް ހަމީދު ބުންޏެވެ.
ބޮޑުރިޔާގޭ ތެރޭގައި އޮތް ޖެކެޓެއް ފުލުހުންނަށް ދެއްކުމަށް ފަހު "އެއީ ހުސޭނުބޭ މަރާލި އިރު ލައިގެން ހުރި ފިނި ހެދުން" ކަމަށް އަހުމަދު އިބްރާހިމް ބުނި ކަމަށް ހަމީދު ހެކިބަސް ދިނެވެ. އަދި ހުސޭނުބޭ މަރާލުމަށް ފަހު ދަމުން ޖެކެޓު ބޮޑުރިޔާގެ އަށް އެއްލާލީ ކަމަށް އަހުމަދު ބުނި ކަމަށް ވެސް ހަމީދު ބުންޏެވެ.
ހެކިބަސް ދިން މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު އާދިލް ބުނީ ހުސޭނުބޭ މަރާލި ރޭ އޭނާއާ ހުސޭނުބެއާ ދެ މީހުން ވަރަށް ގިނަ ވަގުތު ވާހަކަ ދެއްކި ކަމަށެވެ. އެރޭ ގާތްގަނޑަކަށް ދެ ގަޑިއިރު ވާހަކަ ދެއްކި ކަމަށާއި އެއިރު ދައުވާ ލިބޭ މުހައްމަދު ލަތީފް އެ ހިސާބުން ދިޔަ ކަމަށް ވެސް އާދިލް ބުންޏެވެ.
ލަތީފު އެ އަންނަނީ މަސް ބާނައިގެންތޯ ހުސޭނުބޭ އޭނާ ކައިރީގައި އެހި ކަމަށާއި "ތިމަންނާ ގޭ ގޮލާ ފާޑަކަށް ބަލަމުންނޭ އެ ދިޔައީ" ބުނި ކަމަށް ވެސް އާދިލް ހެކިބަސް ދިނެވެ.
ލަތީފަކީ ހުސޭނުބެއާ ތިމާގެ މީހެކެވެ.
ނުއުމާނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ނުއުމާންގެ އެއްބަނޑު އެއްބަފާ ބޭބެ އަދުނާނު އަބްދުﷲ ބުނީ ނުއުމާނު ދިރިއުޅޭ ގެ ފާސްކުރި އިރު އޭނާ ވެސް އެތަނުގައި ހުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ގިނަ ދުވަސްތަކެއް ވެފައި ވުމުން އެތަނުން ފެނުނު ތަކެތި ނޭނގޭ ކަމަށާއި ދެ ވަނަ ބުރެއްގައި ގެ ފާސްކުރިކަމުގެ ހަނދާނެއް ވެސް ނެތް ކަމަށް ބުންޏެވެ.
އެގޮތަށް ހެކިބަސް ދިނުމުން ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ވަރަށް ތަފްސީލުކޮށް އެތަނުން ފެނުނު ތަކެތި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެކަންތައް ހަނދާން ނެތީތޯ ނޫން ނަމަ ކުރިން ކަންތައް ވީ ގޮތް ނޭނގެނީތޯ ވަކީލު ސުވާލު ކުރެއްވި އެވެ.
އަދުނާނު ބުނީ މިހާރު ހަމަ ހަނދާން ނެތީ ކަމަށެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މިއަދު ހާޒިރުކޮށްފައި ވަނީ ފާޅުގައި ހެކިބަސް ދޭން ބޭނުންވާ މީހުން ކަމަށެވެ. ފަހުން ސިއްރުކޮށްގެން ހެކިބަސް ދޭން ބޭނުންވާ މީހުން ވެސް ހާޒިރުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ދައުލަތުން ވީޑިއޯ އެވިޑެންސް ވެސް ހުށަހަޅާފައިވާ ކަމަށާއި އެ ވީޑިއޯތައް ޝަރީއަތުގައި ދައްކާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ ތިން މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ ސެޕްޓެމްބަރު ،27 2010 ވަނަ ދުވަހުގެ ރޭ 30: 10 ހާއިރު ނުއުމާނާއި އަހުމަދު އިބްރާހިމްއާ ދެ މީހުން ވެގެން ހުސޭނުބޭ ރަހީނުކުރި ކަމަށެވެ. އަދި އެ ދެ މީހުންގެ އެ އަމަލުގެ ސަބަބުން ހުސޭނުބޭ މަރުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އެހެންކަމުން އެމީހުންގެ މައްޗަށް ދައުވާކުރަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެ ވަނަ މާއްދާގެ ށ. އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.
ހުސޭނުބޭ ރަހީނުކުރުމުގައި ލަތީފު ބައިވެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެ އެވެ. ލަތީފުގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.
ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށެއްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ކުރުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް އެއީ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ