ސިފައިންގެ ގޭޓުގައި އަތްލިން، އެކަމަކު ގޭޓް ތަޅުވައެއް ނުހަދަން: އުމަރު

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޑީއާރުޕީން މުލީއާގޭ ދޮށަށް އެއްވުމުގެ ކުރިން ސިފައިންގެ މައި މަރުކަޒު ކައިރި އަށް ވަޑައިގެން އެ ތަނުގެ ގޭޓުގައި އަތްލެއްވި ކަމަށާއި އެކަމަކު އެ ގޭޓް ތަޅުވައި ނުހަދާ ކަމަށް ވިދާޅުވެ ފުލުސް އޮފީހަށް އިއްޔެ ބަޔާން ދެއްވާފައިވާ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމަށް އިންތިހާބުވެފައިވާ އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ މައި މަރުކަޒު ކައިރި އަށް އެ ރޭ ބައެއް މީހުން އެއްވި މައްސަލައިގައި އިއްޔެ މެންދުރު ފަހު 00: 3 ގައި ފުލުސް އޮފީހަށް ހާޒިރު ކުރެއްވުމާ ގުޅިގެން ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައިޑީޕީގެ ކުރީގެ ރައީސް އުމަރު ވިދާޅުވީ ސިފައިންގެ ގޭޓް ކުރިމައްޗަށް އެއްވީ ކޮން ބައެއްކަމާއި އެއްވީ ކީއްކުރަންތޯ ފުލުހުން ސުވާލުކުރި ކަމަށެވެ.
"އެ މީހުން އެހީ ކޮން ބައެއްހޭ އެއްވީ. އަޅުގަނޑު ބުނިން އެއްވީ ކޮން ބައެއް ކަމެއް ނޭނގެޔޭ. އެކަމަކު އެ ތަނުގައި އިސްކޮށް ހުރީ އަޅުގަނޑޭ. މީހުން އެއްކުރީ ވެސް އަޅުގަނޑޭ. އަދިވެސް އެއްވާނަމޭ. މީހުން އެއްވާން ގޮވީ ވެސް އަޅުގަނޑޭ. ދެން އެހީ ކީއްކުރަންހޭ އެއްވީ. އަޅުގަނޑު ބުނީ ރައީސްގެ އިސްތިއުފާ ހޯދާށޭ އެއްވީ. އިސްތިއުފާ ނުދިނިއްޔާ ގަދަކަމުން ވެސް އިސްތިއުފާ ހޯދާށޭ އެއްވީ،" ގަޑިއެއްހާއިރު ފަހުން ފުލުސް އޮފީހުން ނިކުމެވަޑައިގެން އުމަރު ވިދާޅުވި އެވެ.
"އެ މީހުން ބުނީ ކީއްވެހޭ ސިފައިންގެ މައި ގޭޓު ތެޅުވީ. އަޅުގަނޑު ބުނިން ގޭޓުގައި އަތް ލައިގެންނޭ އެ ރޭ ހުރީ. ތެޅުވޭ ވަރަށް ވުރެ މާ ވަރުގަދައޭ. އެކަމަކު ދެން ފަހަރަކުން ހުންނާނީ ގޭޓަށް އަރައޭ."
މި ހަފުތާގައި ބޭއްވި ޑީއާރުޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް އިންތިހާބުވި އުމަރު ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ދައުވާއެއް ކުރިޔަސް އެކަމާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި ކޮންމެ ކަމަކާ ވެސް ކުރިމަތިލައްވާނެ ކަމަށެވެ.
"އަޅުގަނޑު ވާނީ ކަން ހިނގި ގޮތަށް ބަޔާންދީފައި،" އުމަރު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މައި މަރުކަޒު ކުރިމައްޗަށް އިދިކޮޅު ފަރާތްތަކުން އެއްވެ ބޭއްވި މުޒާހަރާގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސިފައިންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޖެނުއަރީ 31 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ރޭ މެންދަމުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކު ބަންޑާރަ ކޮށްޓާއި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު މުލީއާގެ ކައިރި އަށް އެއްވެ ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން ބަންޑާރަކޮށީގެ މައި ގޭޓުގައި ތަޅައި، އެ ތަނަށް އެއްވި މީހުންނާ އެކު ސިފައިން ވެސް ބައިވެރިވުމަށް އެއްވި މީހުން ގޮވާފައިވާ ކަމަށެވެ. އަދި މި ކަންތައް ޑިފެންސް މިނިސްޓްރީން "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ރޭގެ އެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި އުމަރު ނަސީރުގެ އިތުރުން، ޑީއާރްޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންނާއި ސަރުކާރާ އިދިކޮޅު ބައެއް އާންމުން ހިމެނެ އެވެ.
އުމަރު ނަސީރު އިއްޔެ ފުލުސް އޮފީހަށް މި ހާޒިރުކުރީ އޭނާއަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ނާއިބު ލީޑަރު ކަމަށްވާތީ އެފަދަ ބޭފުޅަކާ ދެކޮޅަށް ކޯޓަށް ދިއުމަށް ބޭނުންނުވާ ކަމަށް ބުނެ، އެމްޑީޕީ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު މިދިޔަ އަހަރު އުމަރާ ދެކޮޅަށް ކުރައްވާފައިވާ އަބުރުގެ ދައުވާ އަނބުރާ ގެންދެވިތާ ދެ ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ