މިދިއަ އަހަރުގެ "ހަވީރު ސްޕޯޓްސް އެވޯޑްސް" ކާމިޔާބުކުރި ކުޅިވަރުގެ ތަރިންނާއި އޭގެ ކުރިން ވެސް މި އެވޯޑް ހޯދި ބައެއް ކުޅުންތެރިންގެ އިތުރުން ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު ކުންފުނިތަކުން ކ. ގުރައިދު އަށް އިއްޔެ ޒިޔާރަތްކޮށް ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި އެރަށު ޕްރި ސްކޫލަށް އެހީ ދީފި އެވެ.
ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުން ކަމަށްވާ ދިރާގާއި ސިމްޑީ އަދި މޯލްޑިވިއަންގެ އޮފިޝަލުން ވަނީ ކުޅިވަރުގެ ތަރިންނާ އެކު ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި ޕްރީ ސްކޫލަށް ޒިޔާރަތްކޮށް ކަންކަން ބަލައިފަ އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަންނައުނުގެ އެހީތެރިކަމެއް ދިރާގާއި ހަވީރުން ފޯރުކޮށްދިނެވެ. އަދި ކުރީގެ މަޝްހޫރު ރެފްރީ އިޓަލީގެ ޕިޔަލޫޖީ ކޮލީނާ ރާއްޖެ ގެނެސްގެން "ހަވީރު" ން އިންތިޒާމްކުރި ހާއްސަ ފުޓްބޯޅަ މެޗުން ލިބުނު ފައިސާ އާއި ހަވީރުގެ މާލީ އެހީއާ އެކު ގުރައިދޫގައި އިމާރާތްކުރި ޕްރީ ސްކޫލަށް މޯލްޑިވިއަންގެ ފަރާތުން ކޮމްޕިއަޓަ ސިސްޓަމެއް އަދި ސިމްޑީގެ ފަރާތުން ޕްރިންޓަރެއް ހަދިޔާކުރި އެވެ.
އެހީ ދިނުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަ މާކެޓިން އެންޑް ކޮމިޔުކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ދިރާގުން އެހީއެއް ވެދެވޭތީ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މަރުކަޒުގެ ކޯޑިނޭޓަރު އަލީ ނަސީރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ކުޅިވަރުގެ ތަރިންގެ މައްޗަށް ހިމެނޭ ޓީމެއް އެ މަރުކަޒަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެކަމަށްޓަކައި ކުޅިވަރުގެ ތަރިންނަށާއި ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުން ކަމަށްވާ ދިރާގާއި މޯލްޑިވިއަން އަދި ސިމްޑީ އަށް އޭނާ ޝުކުރު ދެންނެވި އެވެ.
ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ އިޖުތިމާއީ ޒިންމާގެ ތެރެއިން ރޭވި މި ދަތުރުގެ ބައިވެރިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިދުމަތްތައް ބަލައިލުމަށް އެތަނުގެ އެކި ބައިތަކަށް ޒިޔާރަތްކުރި އެވެ. އަދި ބަލިމީހުންނާއި އެހީތެރިކަން ބޭނުންވާ ތަފާތު މީހުންނާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވައި، އޭގެ ތެރެއިން ބައެއް މީހުން ދެއްކި ހުނަރުތަކުގެ އަގުވަޒަންކުރި އެވެ. އެގޮތުން އަނގައިން ޑްރަމް ޖަހާ ބަލިމީހަކު ވަނީ އޭނާގެ ކުޅަދާނަކަން ވަރަށް ފުރިހަމައަށް ދައްކާލައިފަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފަހު ބައިވެރިން ދެން ދިޔައީ ޕްރީ ސްކޫލަށެވެ. އެތަނުގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ބައިވެރިންނަށް ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔައިފަ އެވެ. އެގޮތުން ކުޅިވަރުގެ ތަރިންނާއި ކުންފުނިތަކުގެ ވެރިންނާއި އެސޯސިއޭޝަންތަކުގެ ވެރިންނަށް ކޮންމެ ކުއްޖަކު ވެސް ދިއްކޮށްލީ "މާކޯޅިއެކެ"ވެ.
"މިއީ ވަރަށް މުހިންމު ދަތުރެއް،" ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ދަތުރުގައި ބައިވެރިވި ކުރީގެ ސެޓަރު އަދި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުންޏެވެ. "ހަވީރުން މިކަހަލަ ދަތުރުތައް ރޭވުމުން އަސްލު ވަރަށް ބޮޑު ފައިދާއެއް ރަށްރަށަށް ވެސް ކުރާނެ."
ދަތުރުގެ ބައިވެރިންނަށް ހަވީރު ސައި ތައްޔާރުކޮށްދިނީ ޕްރީ ސްކޫލްގެ ބެލެނިވެރިންނެވެ. އެގޮތުން ރަށުގެ ވަރަށް ގިނަ އަންހެން ބެލެނިވެރިން ޕްރީ ސްކޫލްގެ އެ ޒިޔާރަތަށް އެހީތެރިވި އެވެ.
ސްޕޯޓްސް އެވޯޑްސްގެ ތަރިންނާއި ޕާޓްނަރުންގެ ދަތުރެއް ފެބްރުއަރީ 2008 ގައި ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ވެސް ކޮށްފައިވެ އެވެ. އެދަތުރުގައި ވެސް އެ މަރުކަޒަށް ތަފާތު އެހީ ފޯރުކޮށްދިނެވެ.
"ހަވީރުގެ މަގުސަދަކީ ކުޅިވަރުގެ ތަރިން އިޖުތިމާއީ ކަންކަމުގައި ބައިވެރިކުރުވުން،" އިއްޔެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އޮތް ހަފުލާގައި "ހަވީރު" ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި އެވެ. "ކުޅިވަރުގެ ތަރިން މެދުވެރިކޮށް އާންމުންނަށް ވަރަށް ގިނަ މެސެޖްތައް ފޯރުކޮށްދެވޭނެ. އެގޮތުން މި މަރުކަޒުގައި ތިބި އެހީއަށް ބޭނުންވާ މީހުންގެ ހާލު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމުގައި ކުޅިވަރުގެ ތަރިންގެ ބޭނުން ހިފިދާނެ."
ހަވީރު ސްޕޯޓްސް އެވޯޑްސް އަށް ދިރާގާއި މޯލްޑިވިއަން އަދި ސިމްޑީގެ ފަރާތުން ދޭ އެހީތެރިކަމަށް މެނޭޖްމަންޓުން ޝުކުރުވެރިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތަރިންނާއި ޕާޓްނަރުން ގުރައިދު އަށް ޒިޔާރަތްކޮށް އެހީ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ