17 އަހަރުގެ ކުއްޖާ މަރުވި މާރާމާރީގެ ތުހުމަތުގައި ހޯދާ މީހެއްގެ ފޮޓޯ އާންމުކޮށްފި

މާފަންނު މާޒިޔާ ދަނޑު ބޭރުގައި ތޫނު އެއްޗެހިން ހަމަލާދީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަތަރު މީހަކު ޒަހަމްކޮށްލައި، 17 އަހަރުގެ ކުއްޖަކު މަރުވި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަން ބޭނުންވާ މީހެއްގެ ފޮޓޯ އާއްމުކޮށްފި އެވެ.
ޓީވީ އާއި ރޭޑިއޯއިން އިއުލާންކޮށް ފުލުހުން ހޯދަމުން ދަނީ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމް އެވެ. ނަމަވެސް އޭނާ ހައްޔަރުކުރަން ބޭނުންވަނީ ކޮން މައްސަލައެއްގެ ތުހުމަތުގައި ކަމެއް އިއުލާނުގައި ބުނެފައެއް ނެތެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް އެ މައުލޫމާތެއް ނުދެއްވި އެވެ.
ނަމަވެސް ފުލުހުން ޝަހުމް ހޯދަނީ ޖުލައި 30 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިންގި މާރާމާރީގެ ތުހުމަތުގައިކަން ހަވީރަށް ކަށަވަރުވެފައިވެ އެވެ. އަދި ހަވީރަށް އެނގިފައިވާ ގޮތުގައި އޭގެ އަނެއް ދުވަހު މައްޗަންގޮޅި ސަހަރާ ސަރަހައްދުގައި ޒަހަމްކޮށްލި ދެ މީހުންގެ ތެރޭގައި ވެސް ޝަހުމް ހިމެނެ އެވެ. އޭނާ ފިލާފައި ވަނީ، އެނގިފައިވާ ގޮތުގައި، އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ ތަނަށް ދިޔަ ގްރޫޕަކާ އެކުގަ އެވެ.
ގުޅުން ހުރި ކަމަށް ބެލެވޭ މި ދެ މާރާމާރީގެ ތުހުމަތުގައި ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މިހާރު ހަ މީހަކު ބަންދުކޮށްފައި އެބަތިބި ކަމަށް މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މާޒިޔާ ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް އެ ސަރަހައްދުގައި ހިންގި މާރާމާރީ އަށް ފަހު ތިން ހަފްތާތެރޭ އިތުރު ހަތަރު މާރާމާރީއެއް ވަނީ ހިންގާފަ އެވެ. އޭގެތެރެއިން އެންމެ ފަހުން ހިންގާފައިވާ ނުރައްކާތެރި އެއް މާރާމާރީ ބުރާސްފަތި ދުވަހުގެ ރޭ ހިންގާފައިވާއިރު، ޒަހަމްވި 16 އަހަރުގެ އަބްދުﷲ ނިހާނަށް އައިޖީއެމްއެޗުން އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
އަމީނީމަގުގައި ތޫނު އެއްޗަކުން ޒަހަމްކޮށްލި ނިހާންގެ އާއިލާއިން މިއަދު ބުނިގޮތުގައި އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ ދެވޭ ވަރަށް ރަނގަޅުވެފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
ޝަހުމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް އެކަން އެންގުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދެ އެވެ. ފޯނުންނަމަ 3322111 އަށް ގުޅުމަށާއި އަތޮޅުތެރޭގައިނަމަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަށް ވެސް އެންގޭނެ ކަމަށް ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ