10: 19 - ސަރުކާރު ހިންގާ ކޯލިޝަނުން ގައުމީ އިއްތިހާދު ވަކިކުރުމަށް ރައީސް މުހައްމަދު ނަޝީދަށް ލަފާއެރުވުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ދާދި ދެންމެއަކު ނިންމައިފި އެވެ.
ނާއިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ތަމްސީލްކުރައްވާ ގައުމީ އިއްތިހާދުގެ ފަރާތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް އެ ޕާޓީ ކޯލިޝަނުން ވަކިކުރުމަށް ރައީސް ނަޝީދަށް ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. 
ހަވީރު  30: 4 އިން  30: 6 އަށް ބޭއްވި އެ މަޖިލިހުގެ ބައްދަލުވުމެއްގައި އެ ގަރާރު ފާސްކޮށްފައިވަނީ  21 ވޯޓުންނެވެ.
އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސެން ޒަކީ ވިދާޅުވީ އެމްޑީޕީން މިގޮތަށް ނިންމީ ހުސްވެފައިވާ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމަށް ގައުމީ އިއްތިހާދުގެ ބޭފުޅަކު ހަމަޖެއްސެވުމަށް އެދިވަޑައިގެން ނާއިބު ރައީސް ފޮނުއްވި ސިޓީއެއް ގައުމީ މަޖިލިހަށް ހުށަހެޅުއްވުމުން ކަމަށެވެ.
"އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވިންދު ހުރިގޮތް މިހާރު އެނގިގެން އެ ދިޔައީ. އަޅުގަނޑު މާދަމާ ރަސްމީކޮށް މި ލަފާ ރައީސަށް އަރުވާނަން،" ޒަކީ ވިދާޅުވި އެވެ.
ނާއިބު ރައީސް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށް ރައީސް ވަނީ އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގައުމީ އިއްތިހާދުގެ މުހައްމަދު ރަޝީދު މި މަހު  9 ގައި ވަކިކުރައްވައިފަ އެވެ.
މިހާރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގައުމީ އިއްތިހާދުގެ ހަމައެކަނި މެމްބަރަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ މުސްތަފާ ލުތުފީ އެވެ.
އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު ޑރ އަބުދުﷲ ނަޒީރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަލިމަނިކާއި އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެއިން އާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އިނާޒް ވެސް ތަމްސީލް ކުރައްވަނީ ގައުމީ އިއްތިހާދެވެ.
    
    ކޯލިޝަނުން ގައުމީ އިއްތިހާދު ވަކިކުރަން އެމްޑީޕީން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ