ރިޔާސީ އިންތިހާބު އޮކްޓޫބަރު 8 ގައި ބާއްވާ ގޮތަށް ހަމަޖައްސައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބު އަންނަ އޮކްޓޫބަރު އަށެއްގައި ބާއްވާ ގޮތަށް ހަމަޖައްސައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
ދަރުބާރުގޭގެ "ފަންސަވީސް" ގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވީ ސިޔާސީ ޕާޓީތައް ވާދަކުރާ ގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގެ އޮކްޓޫބަރު އަށެއްގައި ބާއްވައި ވޯޓު ގުނަން ފަށާނީ ހަމަ އެ ރޭ 00: 9 ގައި ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އޮކްޓޫބަރު ނުވަ ވަނަ ދުވަހުގެ ރޭ 30: 11 ގައި ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓުލުން އޮންނާނީ އޮކްޓޫބަރު އަށްވަނަ ދުވަހުގެ ހެނދުނު 00: 9 އިން ރޭގަނޑު 00: 8 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ކެންޑިޑޭޓުން ހުށަހަޅަންޖެހޭ ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 00: 9 އިން ހަވީރު 00: 4 އަށެވެ. ހުކުރު ދުވަހު އެ ތަކެތި ހުށަހަޅަންޖެހެނީ މެންދުރު ފަހު 30: 2 އިން ހަވީރު 00: 4 އަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި 40،000ރ. ގެ ޑިޕޮޒިޓަކާއި ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެ ކެންޑިޑޭޓަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއެއްކަން ކަށަވަރުކޮށްދޭ ގަރާރެއް ހިމެނެ އެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓެއް ނަމަ އެކަން ބަޔާންކޮށް ގަރާރެއް ވެސް ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު ކަމަށް ކަނޑައަޅާ ފަރާތުގެ މައުލޫމާތާއި އެ އޮޑިޓަރު އެކަން ގަބޫލުކުރި ކަމުގެ ގަރާރު ވެސް ހުށަހަޅަންޖެހެ އެވެ. އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓެއް ނަމަ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ މީހުންގެ ތެރެއިން މަދުވެގެން 1،500 މީހުން އެ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ދައްކައިދިނުމުގެ ގޮތުން އެ މީހުންގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި ސޮއި ހުށަހަޅަންޖެހެ އެވެ.
ރިޔާސީ އިންތިހާބު އަންނަ އޮކްޓޫބަރު 10ގެ ކުރިން ބާއްވައި ނިންމަންވާނެ ކަމަށް އާ ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނީ އެ ބޭފުޅުން މާނަކުރައްވަނީ އިންތިހާބުގެ ފުރަތަމަ ބުރު އެ މުއްދަތުގެ ކުރިން ބޭއްވުމަކީ ރިޔާސީ އިންތިހާބު ބާއްވައި ނިންމުން ކަމަށެވެ. އަދި ދެވަނަ ބުރު އޮކްޓޫބަރު 10ގެ ފަހުން ބޭއްވުމަކުން މައްސަލައެއް ނުނިކުންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޮކްޓޫބަރު 10ގެ ފަހުން އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަކީ ގާނޫނު އަސާސީގައި ބުނާ ގޮތާ ހިލާފު ކަމެއް ނަމަ އެކަން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ މި ފަހަރުގެ އިންތިހާބުގައި ހަތަރު ގައުމެއްގައި ވޯޓު ފޮށިތައް ބަހައްޓާށެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއަލަ ލަމްޕޫރާއި ސިންގަޕޫރާއި އިންޑިޔާގެ ޓްރިވެންޑްރަމްގަ އެވެ.
ރިޔާސީ އިންތިހާބު އޮކްޓޫބަރު 8 ގައި ބާއްވާ ގޮތަށް މި ހަމަޖެއްސީ އޮކްޓޫބަރު ހަތަރެއްގައި ވެސް އެ އިންތިހާބު ބާއްވަން ގަސްދުކުރާ ކަމަށް އިލެކްޝަންސް އިން ބުނެފައި ވަނިކޮށެވެ. އެކަމަކު އެ ދުވަސް ބަދަލުވީ ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ކަންތައްތައް މިދިޔަ ހަފުތާގައި ނުނިމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ