ތާޖުއްދީން ސްކޫލްގެ ތިން ވަނަ ބުރިން އިއްޔެ ހަވީރު ބިދޭސީ ފިރިހެނަކު ބިންމައްޗަށް ވެއްޓި މަރުވެއްޖެ އެވެ.
އިއްޔެ ހަވީރު 15: 5 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ، ރާރާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއްގެ ފަރާތުން، ތާޖުއްދީން ސްކޫލްގެ ކޮމްޕިއުޓަރު ލެބް ފޮހެ ސާފުކުރުމަށް ފޮނުވައިގެން އުޅުނު ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 32 އަހަރުގެ ޗަންނޫ ނަމަކަށް ކިޔާ ފިރިހެނެއް ކަމަށް އެ ކުންފުނީގެ ޗެއާމަން އަބްދުއްރަޝީދު ވިދާޅުވި އެވެ.
ޑޮކްޓަރުންނާ ހަވާލާދެއްވައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވީ، ޗަންނޫ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ލަފާކުރައްވާ ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގައި ޗަންނޫ ބިންމައްޗަށް ވެއްޓިފައިވަނީ، ތާޖުއްދީން ސްކޫލްގެ ތިން ވަނަ ބުރީގައި ހުންނަ ކޮމްޕިއުޓަރު ލެބްގެ ބިއްލޫރިގަނޑެއް ސާފުކުރަން ވެގެން، އިމާރާތުގެ ބޭރަށް ހުރި ޝީޓް މަތީގައި ގޮނޑިއެއް ބަހައްޓައި އެ ގޮނޑި އަށް އަރައިގެން އުޅުމުގެ ތެރޭގަ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އޭނާ ބިންމައްޗަށް ވެއްޓި ޖެހުމާ އެކު ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެ އެވެ.
"ބިންމައްޗަށް އެއްޗެއް ޖެހުނު އަޑަށް، މާފަންނު ޕޮލިސް ސްޓޭޝަންގެ މީހުން ނުކުތީ. އޭރު އެ މީހުންނަށް ފެނުނީ މަގުމައްޗަށް (ކަނބާއައިސާރަނި ހިނގުން) ވެއްޓިފައި އޮަތް މީހެއް. ދެން ފުލުހުން އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ،" ފުލުހުންގެ މީޑިއާ އޮފިޝަލް، ސާޖެންޓް އަހްމަދު ޝިޔާމް ވިދާޅުވި އެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެ މީހާ ވެއްޓި ޖެހުނު ހިސާބު ބިންމަތީގައި ވަރަށް ގިނަ އަދަދަކަށް ލޭ ފައިބައިފައި ހުއްޓެވެ.
ޗަންނޫ ވަޒީފާ އަދާކުރަމުންދާ ރާރާ އިންވެސްޓްމަންޓްގެ ޗެއާމަން އަބްދުއް ރަޝީދު ވިދާޅުވި ގޮތުގައި، ޗަންނޫ ބިންމައްޗަށް ޖެހުމާ އެކު އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ރާރާ އިންވެސްޓްމަންޓުން އެ ސްކޫލްގެ ކޮމްޕިއުޓަރ ލެބް ސާފުކުރުމުގެ މަސައްކަތްކުރަނީ އެ ލެބް ހިންގާ ޕީއެސްއޭއާ އެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުމެއްގެ ދަށުންނެވެ.
ތާޖުއްދީން ސްކޫލް ތިން ވަނަ ބުރިން ބިދޭސީއަކު ވެއްޓި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ