ރައީސް ސުޕްރީމް ކޯޓަށް ހާޒިރުކުރަން ސަންދާނު ލުތުފީ ގޮވާލައިފި

ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި އެކަމުން ސަލާމަތްވުމަށް ރައީސް މުހައްމަދު ނަޝީދު ސުޕްރީމް ކޯޓަށް ހާޒިރުކުރުމަށް "ސަންދާން" އިބްރާހިމް މޫސާ ލުތުފީ ގޮވާލައްވައިފި އެވެ.
މައުމޫން ސަރުކާރާ ދެކޮޅަށް ގިނަ ލިއުންތަކެއް ލިއުނު ސިއްރު އޮންލައިން ނޫސް ނެރުއްވައިގެން އުމުރު ދުވަހަށް ޖަލަށް ލި އަދި ރައީސް ނަޝީދަށް ކުރިން ތާއީދުކުރެއްވި ލުތުފީ އިއްޔެ ވަނީ، ސަރުކާރުގެ ދީނީ ސިޔާސަތުތަކާއި އެހެން ވެސް ބައެއް ކަންތައްތަކާ ބެހޭ ގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިންޓަނެޓްގައި އޯޑިއޯއެއް އާއްމުކުރައްވައިފަ އެވެ. އެ އޯޑިއޯގައި ރައީސް ނަޝީދާއި ސަރުކާރުގެ އިސް ވެރިންނަކީ ރައްޔިތުންގެ "ދުޝްމަނުންގެ" ގޮތުގައި ސިފަކުރެއްވި އެވެ.
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިމާޔަތުގައި ހުންނެވި ލުތުފީގެ އޯޑިއޯގައި ވިދާޅުވީ، ޑިމޮކްރަސީ އަށް ރާއްޖެ ކުރާ ދަތުރު ފަރަށް އެރިޔަ ނުދިނުމަށް ގައުމީ އެއްބައިވަންތަކުގެ ސަރުކާރެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ރައީސް ނަޝީދު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އިންސާފު ހިންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ދީނަށް ފުރައްސާރަކުރުމުގެ ވެއްޓެއް ރާއްޖޭގައި އަށަގަންނަވައިފަ އެވެ. އެހެންކަމުން މިހާރު ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ކަންތައްތައް އެކަކު، ދެ މީހަކު ވިސްނައިގެން ހައްލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ގައުމު މިވަނީ ފާލުން ނެއްޓި އަޑި ނޭނގޭ ފުން ވަޅުގަނޑަކަށް ވެއްޓުމުގެ ތުންފަތްމަތީގައި. މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާކުރުމުގެ މިނިވަން ވެށި ވަނީ ފަހިކޮށްދީފައި. ގައުމުގެ އަމާންއަމާންކަމާއި އިޖްތިމާއީ އަދާލަތު ވަނީ ފުނޑުފުނޑުކޮށްލެވިފައި. ރާއްޖޭގެ އިގްތިސާދު ބޭރުގެ އަތްމައްޗަށް ދޫކޮށްލުމުގެ ވަރުގަދަ ބިންގާ ވަނީ އަޅާފައި،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، އެކުވެރި ގައުމުތަކާ އޮންނަ ގުޅުން ކެނޑި، އިގްތިސާދު އަޑިއަޅުވާލައި ކޮރަޕްޝަނާ ފަސާދަ ވަނީ "މެކުހަށް" ޖަހައިފަ އެވެ. އަދި އަދުލުގެ އިންސާފު ގާއިމްކުރުމުގެ ހާލަތު ވެސް ދަށު ދަރަޖަ އަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ކުރީގެ ރައީސް ހައްޔަރުކޮށް، އާ ރަށަށް ގެންދިޔައީ ވެސް އިންސާފުން ނޫން ކަމަށް ދޭހަވާ ގޮތަށް އޯޑިއޯގައި އޭނާ ވާހަކަދެއްކެވި އެވެ.
ލުތުފީ ވިދާޅުވީ ގައުމު ޑިމޮކްރަސީ އަށް ވާސިލްވުމަށް ކުރަމުން އަންނަ ދަތުރުގައި، ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގާބިލްކަން ރައީސް ނަޝީދުގެ ކިބައިގައި ނެތް ކަމަށެވެ. އެގޮތުން ވަކި ކުލައަކަށް ނުބަލައި އެ މައްސަލަތައް ހައްލުކުރުމަށް ގައުމީ ބޮޑު މަހާސިންތާއެއް ބާއްވައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ