ދިގު މުއްދަތެއްގައި ސިފައިންގެ ތެރޭގައި ހިދުމަތް ކުރެއްވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނައީމް މުހައްމަދު ޝަރަފުވެރިކަމާ އެކު ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ. ރިޓަޔާ ކުރެއްވި އިރު އޭނާ ހުންނެވީ އެމްއެންޑީއެފްގެ އެޖްޓަންޓް ޖެނެރަލްގެ މަގާމުގަ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ސިފައިންގެ ބަންޑާރަކޮށިގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތުން ރިޓަޔާ ކުރެއްވި ނައީމަށް ރައީސުލް ޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރު ދެއްވާ ހާއްސަ ފަތްކޮޅު އަރުވާފައި ވެ އެވެ. އަދި ބްރިގޭޑިއާ ޖެނެރަލް ނައީމަށް ހިދުމަތުގައި ލިބިލައްވާފައިވާ ކުލަ އާއި މެޑަލް އަދި ސިފައިންގެ ދިދަ ވެސް އެ ރަސްމިއްޔާތުގައި އޭނާ އަށް އަރުވާފައި ވެ އެވެ. ނައީމަކީ ސިފައިންގެއިން މިހާތަނަށް ރިޓަޔާ ކުރެއްވި އެންމެ ސީނިޔާ ބޭފުޅާ އެވެ.
ސިފައިންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިފައިންގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވިދާޅުވީ ނައީމަކީ ގައުމީ ހިދުމަތުގައި ސިފަވަންތަ އުޅުމާއި ރިވެތި އަހްލާގުގެ ލާމަސީލު މިސާލެއް ކަމަށެވެ. އަދި އެއީ މިއަދުގެ ސިފައިންނަށް އެތައް އިބުރަތްތަކެއް ދައްކައިދީފައިވާ ބޭފުޅެއް ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ.
ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގޭގައި ހިދުމަތްކުރެއްވި ނައީމު ވަނީ ގިނަ މަގާމްތަކެއް ފުރުއްވާފަ އެވެ. އެގޮތުން ސިފައިންގެ ޔުނީފޯމު ސެކްޝަނުގެ އޮފިސާ އިންޗާޖް ކަމާއި އެއާ ކްރާފްޓް އޮފިސާ އިންޗާޖް ކަމާއި ސިފައިންގެ ބޭންޑުގެ އިންޗާޖް ކަމާއި ޕޮލިސް ހެޑްކުއާޓާޒްގެ އޮފިސާ އިންޗާޖް އެހީތެރިޔާ ކަމުގެ މަގާމުގެ އިތުރުން ގިނަ އެހެން މަގާމްތައް ވެސް ފުރުއްވާފައި ވެ އެވެ. އަދި ސިފައިންގޭގެ އެކި ބޯޑުތަކާއި ކޮމެޓީތަކުގެ އެންމެ އިސް މަގާމު ވެސް އޭނާ އަދާކުރައްވާފައި ވެ އެވެ.
ސިފައިންގޭގައި ނައީމު އަދާ ކުރެއްވި ހިދުމަތްތަކުގެ ސަބަބުން އޭނާ އަށް ވަނީ އަށް ކުލަ އާއި ނުވަ މެޑެލް ލިބިވަޑައިގެންފަ އެވެ.
ސިފައިންގެ ގާނޫނުގެ ދަށުން ޝަރަފުވެރިކަމާ އެކު މިހާތަނަށް 14 ބޭފުޅަކު ރިޓަޔާ ކުރައްވާފައި ވެ އެވެ.
ބްރިގޭޑިޔާ ޖެނެރަލް އަހުމަދު ނައީމް ރިޓަޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ