ސަރުކާރުގެ އިމޭޖް ރަނގަޅުކޮށް، ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ކުރުމަށް ސަރުކާރަށް އެހީތެރިވެދިން އިނގިރޭސި ވިލާތުގެ ހިލް އެންޑް ނޯލްޓަނާ އެކު އަމިއްލަ ގޮތުން އެއްވެސް މުއާމަލާތެއް ހިންގަވާފައިވާ ނަމަ އެ ޑޮކިއުމަންޓެއްގެ ތަފުސީލު ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.
ޑރ. ޝަހީދު މިކަމަށް ގޮވާލެއްވީ އޭނާ އާއި ހިލްއެންޑް ނޯލްޓަންއާ ދެމެދު ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށް އިޝާރަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގެންގުޅުއްވި ޑޮކިއުމެންޓްތަކެއް ދެކެވަޑައިގެންނެވި ކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު އޭނާގެ އަމިއްލަފުޅު ވެބް ބްލޮގްގައި ލިޔުއްވުމާ ގުޅިގެންނެވެ.
އެމްނަޝީދު ޑޮޓްކަމްގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަތްޕުޅުން އެ ޑޮކިއުމަންޓްތައް ފެނިވަޑައިގަތުމުން، އޭނާގެ މޮބައިލް ފޯނުން އެ އެއްޗެހީގެ ފޮޓޯއެއް ނެންގެވުމަށް ފަހު އެއާ ބެހޭ ގޮތުން އެސްއެމްއެސްއެއް ޑރ. ޝަހީދަށް ފޮނުއްވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އޭގެ ޖަވާބުގައި ޑރ. ޝަހީދު ވިދާޅުވީ ޑޮކިއުމަންޓްތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ މުޅިން "ރަބިޝް" ކަމަށް ނަޝީދުގެ ބްލޮގްގައި ލިޔުއްވާފައި ވެ އެވެ.
ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން ޑރ. ޝަހީދު މިއަދު ވިދާޅުވީ ހިލް އެންޑް ނޯލްޓަންގެ އެއްވެސް ޑޮކިއުމަންޓެއް އެއްވެސް ފަރާތަކަށް އޭނާ ދެއްވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ނަޝީދު އެސްއެމްއެސްއެއް ކުރެއްވި. އޭގައި އޮންނަނީ ތިމަންނަ އަޑު އަހައިފީމޭ، ހިލް އެންޑް ނޯލްޓަން ލަންޑަނަށް މިދިޔަ މަހު މިހާ ފައިސާއެއް ސަރުކާރުން ދެއްކެވި ކަމަށް. އަޅުގަނޑު ބުނިން ތި އަދަދެއް މިހާރު ހަނދާނެއް ނެތޭ. ވަރަށް ބައިވަރު ފައިސާ ދެއްކިއޭ މިދިޔަ މަހު. ތިޔަ ވިދާޅުވާ އެއްޗިއްސަކީ ރަބިޝްއޭ،" ޝަހީދު ވިދާޅުވި އެވެ. "ނަޝީދަށް ވީ ގޮތަކީ ހިލް އެންޑް ނޯލްޓަން ޖެނީވާ އާއި ލަންޑަނާއި އެއްޗެހި އޮޅިވަޑައިގެންނެވީ. އެހެންވެ އަޅުގަނޑު ދެންނެވީ ރަބިޝްއޭ. ނަޝީދު އެ ވިދާޅުވާ ޑޮކިއުމަންޓެއް އޮތިއްޔާ ހާމަކުރައްވަން ވީ ނޫންތޯ؟ އަޅުގަނޑު އެހާ ބޮޑު ކުށެއް ކޮށްފިއްޔާ އެކަން ހާމަކުރައްވަން ވީ ނޫންތޯ؟ ކީއްވެތޯ ސިއްރު ކުރައްވަންވީ؟."
"އަޅުގަނޑުގެ ވާހަކަ އަކީ އަޅުގަނޑުގެ އަބުރާ ނުބެހޭށޭ. ވަޒީރަކަށް ހުންނަވައިގެން ސައްހަ ވާހަކަ ދައްކަވާށޭ. އަޅުގަނޑު އެބަ ހުއްޓޭ ސަރުކާރާ ބެހޭ ގޮތުން ފަޅާ އަރުވާލަން ޖެހޭ އެއްޗެހިތައް. އަޅުގަނޑަށް ހިއެއް ނުވޭ ހިލް އެންޑް ނޯލްޓަން ރާއްޖެއަށް ގެނައި ބަޔަކު އާންމު ކުރައްވަން ސަރުކާރުން ބޭނުންވާނެހެން."
ނަޝީދުގެ ބްލޮގްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ފޯނުން ނެންގެވި ޑޮކިއުމަންޓްތަކުގެ ފޮޓޯތައް ވެސް ޑރ. ޝަހީދަށް ދެއްކެވި ކަމަށެވެ. އެކަމަކު ޑރ. ޝަހީދު އެކަން ދޮގު ކުރައްވަ އެވެ.
އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދުގެ ފޯނުން ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ ގޮތުން އޭނާގެ ކޮމެންޓެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނަޝީދުގެ ބްލޮގްގައި ވިދާޅުވެފައި ވަނީ ޑރ، ޝަހީދު އިސްތިއުފާ ދެއްވީ އެ ޑޮކިއުމެންޓްތައް ޑރ.ޝަހީދާ ދެކޮޅު ބޭފުޅުންތަކަކަށް ލިބިވަޑައިގަތުމާއި އޭނާގެ އަގު ވެއްޓެމުން ދިޔުމުގެ އިތުރުން އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓުގައި ރައީސް މައުމޫން އެހީތެރިވެވަޑައިނުގެންނެވުމުން ކަމަށެވެ.
ހިލް އެންޑް ނޯލްޓަނާ އެކު އަމިއްލައަށް ނާޖާއިޒު މުއާމަލާތެއް ހިންގާފައިވާ ނަމަ އެ ޑޮކިއުމެންޓެއް ހާމަކުރެއްވުމަށް ޑރ. ޝަހީދު ގޮވާލައްވަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ