ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން ބޭފުޅަކު ހޮވުމަށްޓަކައި ބުދަ ދުވަހު ބޭއްވި އިންތިހާބު އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލެއް ކަމަށްވާ އަހުމަދު ރަޝީދު ކާމިޔާބު ކުރައްވައިފި އެވެ.
ރަޝީދު އެ އިންތިހާބު ކާމިޔާބު ކުރެއްވީ 165 ވޯޓު ލިބިވަޑައިގެންނެވެ. ރަޝީދާ އެންމެ ކައިރިން ވާދަ ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދަށް ލިބިވަޑައިގެންނެވީ 138 ވޯޓެވެ. އަނެއް ކެންޑިޑޭޓު އަހުމަދު ސާވީ އަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުރާސްފަތި ދުވަހު ބުނީ ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ 474 ބޭފުޅުންގެ ތެރެއިން އެ އިންތިހާބުގައި ވޯޓު ލައްވާފައި ވަނީ 327 ބޭފުޅުން ކަމަށެވެ. ވޯޓު ލައްވާފައި ވަނީ ވޯޓު ލުމުގެ ހުއްދަ އޮތް ބޭފުޅުންގެ ތެރެއިން 68.99 ޕަސެންޓް ބޭފުޅުންނެވެ.
އެ އިންތިހާބުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާފައި ހުއްޓެވެ. މާލޭގައި އެ އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ ޖަސްޓިސް ބިލްޑިންގުގަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އިންތިހާބު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ. އެންމެ ފުރަތަމަ އިންތިހާބު ފަސް ކުރަންޖެހުނީ އިންތިހާބާ ގުޅޭ މައްސަލައެއް މަދަނީ ކޯޓުގައި ބަލަމުން ދާތީ އެ ކޯޓުން ނެރުނު ކޯޓު އަމުރަކާ ގުޅިގެންނެވެ. ފަހުން އެ މައްސަލަ ވަނީ ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ދެ ވަނަ ފަހަރަށް އިންތިހާބު ފަސް ކުރަންޖެހުނީ މިދިޔަ މަހު 22 ގައި އެ އިންތިހާބު ބާއްވަމުން ދަނިކޮށް މަދަނީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ބުނެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށް ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އެ އިންތިހާބު ބޭއްވުމަށެވެ.
ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ އިންތިހާބު ބޭއްވުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ޖުލައި 21 ވަނަ ދުވަހުގެ 00: 16 އިން ފެށިގެން ފުރިހަމަ ދެ ދުވަހުގެ މުއްދަތުގައި ހަމަޖައްސައި އެ ތާރީހުން ފެށިގެން ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން އަންގާ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލަކު ނުހޮވަނީސް އެ ކޮމިޝަނުގެ އަނެއް ނުވަ މެންބަރުން ވަނީ މިހާރު ހުވާ ކުރައްވައިފަ އެވެ. އަދި ކޮމިޝަނުގައި ހިމަނަންޖެހޭ ވަކީލަކު ނެތީސް އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ވެސް ވަނީ ހޮވައިފަ އެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ މިހާތަނަށް ކުރައްވާފައި ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައެޅުއްވި މެންބަރު ޑރ. އަފްރާޝީމް އަލީ އާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި އައްޝައިޚް ޝުއައިބު އަބްދުއްރަހުމާންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. މުހަންމަދު ލަތީފާއި ރައީސް އައްޔަން ކުރެއްވި އާއިޝަތު ވެލެޒިނީ އާއި ބަންޑާރަނައިބު ހުސްނުއްސުއޫދެވެ.
އޭގެ ތެރެއިން ކޮމިޝަނުގެ ރައީސަކަށް ހޮވާފައި ވަނީ ޣަނީ އެވެ. ނައިބު ރައީސް ކަމަށް މުޖްތާޒް ފަހުމީ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އަހުމަދު ރަޝީދު އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ