ޤާނޫނު ބުނާ ގޮތުން ގާސިމް އަކީ މިހާރު ޖޭއެއްސީގެ މެންބަރެއް ނޫން

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެއްސީ)ގެ ޤާނޫނު ބުނާގޮތުން ޖޭއެއްސީގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ޖޭއެއްސީގެ މެމްބަރުކަމުން ވަކިވެއްޖެއެވެ.
ޖޭއެއްސީގެ ޤާނޫނުގެ ދިހަ ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނަނީ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނުގެ ދަށުން އިންތިޙާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން ކޮމިޝަނުގެ މެމްބަރެއްގެ މަޤާމު ހުސްވެއްޖެ ކަމަށް ބެލޭނެ ކަމަށެވެ.
ޖޭއްސީގެ ޤާނޫނުގައި ޖޭއެއްސީގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭނެ ހަހާލަތެއް ކަނޑައަޅާފައި ވެއެވެ. އެއީ (1) މެންބަރު ކަމުގެ މުއްދަތު ހަމަވުން (2) އިސްތިއުފާ ދިނުން (3) ޖޭއެއްސީގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ މަންބަރުކަމުން ވަކިކުރުން (4) ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޙާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން (5) މަރުވުން (6) ޖޭއްސީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުރުން ޤާނޫނު ލާޒިމް ކުރާ ސިފަތަކުގެ ތެރެއިން ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން ކަމަށެވެ.
ގާސިމް އިބުރާހިމް ވަނީ އަންނަ ރިޔާސީ އިންތިޙާބަށް ކުރިމަތިލާފައެވެ. އިންތިޙާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ގާސިމްގެ ކެނޑިޑެސީ ސައްހަ ކަމަށްވެސް ކަނޑައަޅާފައެވެ. އެހެންކަމުން ޖޭއެއްސީގެ ޤާނޫނު ބުނާ ގޮތުން މިހާރު ޖޭއްސީގެ މެންބަރު ކަމުން ގާސިމް ވާނީ ވަކިވެފައެވެ.
ނަމަވެސް ގާސިމް ޖޭއެއްސީގެ މެންބަރުކަމުން ވަކިވިކަން ޖޭއެއްސީން ވެސް އަދި އެހެން ފަރާތަކުން ވެސް އިއުލާނެއް ނުކުރެއެވެ. ގާސިމް އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެއްސީއަށް އިންތިޙާބުކޮށްފައިވާ މެންބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ