ރައީސް ވަހީދު ރިޔާސީ ކެންޑިޑޭޓުންނާއި ބުދަ ދުވަހު ބައްދަލުކުރައްވަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ބައެއް ކަންތައްތަކާ ބެހޭގޮތުން، ރިޔާސީ ތިން ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބައްދަލުކޮށްލެއްވުމަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުން ބާއްވަވާ ގޮތަށް ހަމަޖެއްސަވާފައިވަނީ މި ނޮވެމްބަރު 6 ވާ ބުދަދުވަހުގެ ހެނދުނު 11.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވައި، އެބޭފުޅުންނަށް ރައީސް މިއަދު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ރިޔާސީ ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކޮށްލައްވަނީ، ރާއްޖޭގައި މިބޭއްވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ޞުލްޙަވެރި އިންތިޚާބަކަށް ހެއްދެވުމަށް ރައީސް ބޭނުންފުޅުވާތީ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މީގެކުރިން ވަނީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ބައްދަލުކުރައްވާފައެވެ. އަދި ރައީސް ވަހީދު މިތިން ބޭފުޅުންނާއި ވެސް ވަކިވަކިން ބައްދަލުކުރައްވާފައިވެ އެވެ.
އެހެންނަމަވެސް މިއީ 4 ބޭފުޅުން ވެސް އެކީ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ