ޖުމްހޫރީ ޕާޓީގެ ހެންވޭރު ދާއިރާގެ ކޯޑިނޭޓަރަށް ބަޔަކު ހަމަލާދީފި

ޖުމްހޫރީ ޕާޓީގެ ހެންވޭރު ދާއިރާގެ ކޯޑިނޭޓަރު ހުސެއިން ޝިނާނަށް ރޭ ފަތިހު ބަޔަކު ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ކުރިން ޕީޕީއެމް ޔޫތު ކައުންސިލް މެންބަރުކަން ވެސް ކުރެއްވި ޝިނާން ވިދާޅުވީ ރޭ ފަތިހު 5:15 ހާއިރު އޭނާއަށް ހަމަލާދިނީ މާލެ ސިޓީ ކައުންސިލް ކައިރިން އިތުރު މީހަކާއި އެކު ސައިކަލުގައި ދަނިކޮށް އެމްޑީޕީ ޖަމްބު ޖަގަހަ ކައިރީ ސައިކަލްތަކެއްގައި ތިބި ބައެއް ކަމަށެވެ.
"އަޅުގަނޑު ސިޓީ ކައުންސިލް ކައިރިން ސައިކަލުގައި ދަނިކޮށް، ފަހަތުން އައިސް ސައިކަލުގައި ޖައްސާ ވައްޓާލީ އެމްޑީޕީ ބަޔަކު، ރަތް ކުލައިގެ އެއާބްލޭޑް ސައިކަލެއްގައި އެއް ނަންބަރު ޖަހާފައި ހުރީ." ޝިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އެކްޓިވިސްޓުންތަކެއް އައިސް ސައިކަލުން ޖައްސާ ވައްޓާލުމާއި ގުޅިގެން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ގޮސް ކަކުލަށާއި އަތަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުލުހުންނަށް މި މައްސަލަ އަދި ހުށަހަޅާފައިނުވާނެ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެމައްސަލަ ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ.
މީގެކުރިން ވެސް ފުލުހުންނަށް އެހެން މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެމައްސަލަ ވެސް ބަލާފައިނުވާ ކަމަށް ވެސް ޝިނާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ