ކަރަންޓް ސަބްސިޑީ ދޫކުރަނީ އިންސާފުވެރި އުސޫލުން ނޫން ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް ލޭބާ ޕާޓީން އެސީސީ އަށް ހުށަހަޅައިފި

19:00ކަރަންޓް ސަބްސިޑީ ދޫކުރަނީ އިންސާފުވެރި އުސޫލަކުންނޫން ކަމަށް ބުނެ ކަރަންޓް ސަބްސިޑީ ބެހުން ހުއްޓުވައިދިނުމަށް ލޭބާ ޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.މިކަން ހުއްޓުވައިދިނުމަށް އެދި، ލޭބާ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަފީޢު އަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ކަރަންޓް ސަބްސިޑީގެ ނަމުގައި ސަރުކާރުން ހިންގާ ކަންތައްތަކަކީ، މާލިއްޔަތުގެ ގާނޫނާ ހިލާފަށް ހިންގާ ކަންތައްތަކެއް ކަމަށާއި، އެ ކަންތައްތަކަކީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ކަންތައްތަކެއް ކަމަށެވެ. އަދި މާލޭގައި އުޅޭ ގިނަ މީހުންނަކީ، ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުން ކަމަށް ވެފައި އެފަދަ އާއިލާތައް އެއްތަނުން އަނެއް ތަނަށް ބަދަލުވެ ހަދާއިރު ކަރަންޓް މީޓަރަށް ސަބްސިޑީ ދިނުމަކީ، އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ތަނަވަސް މީހުންނަށް ވެސް ސަބްސިޑީ ލިބިގެންދާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި މާލެއަށް ކަރަންޓް ސަބްސިޑީ ލިބިފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ސަބްސިޑީ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ކަރަންޓް ސަބްސިޑީ ފޯމު ފުރައިދިނުމުގެ ނަމުގައި އެމްޑީޕީން ހުޅުވާފައިވާ މަދަނަ ޖަގަހައިގައި ސަބްސިޑީ ފޯމު ފުރައިދިނުމަކީ، އެ ޕާޓީ އަށް މެންބަރުން ގިނަ ކުރުމަށް ވަރަށް ފާޅުގައި ހިންގާ ކަމެއް ކަމަށާއި އެއީ ނާޖާއިޒް ފައިދާއެއް އެ ޕާޓީ އަށް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ