ކުޑަކުދިންނާ ގުޅޭ 103 މައްސަލަ، ޖިންސީ އަނިޔާގެ 36 މައްސަލަ މިދިޔަ މަހު ހުށަހެޅި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ހާނީއްކައިގެ 36 މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. ޖެންޑާއިން މިއަދު އާންމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖެންޑާއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް، އެޓެންޑްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލަ ހިމެނެ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ. އޭގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައަކާއި އިހުމާލުވުމުގެ 24 މައްސަލަ، ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ފަސް މައްސަލަ، ގެވެށި އަނިޔާގެ އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ ހިމެނެ އެވެ. ޖެންޑާ އިން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 829 މައްސަލަ އޮގަސްޓު މަހު ހުށަހަޅަފައިވާ ކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަ އެވެ. އެބާވަތުގެ 10 މައްސަލަ އޮގަސްޓު މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލަ، ރޭޕް ކުރުމުގެ ތިން މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ ދެ މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، ހުށަހަޅާފައިވެ އެވެ. އާއިލީ މައްސަލަތަކަށް ބަލާ އިރު، މިދިޔަ މަހު އެފަދަ 16 މައްސަލައެއް ޖެންޑާއަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ ފަސް މައްސަލަ، އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ އެއް މައްސަލަ ހިމެނެ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ މިިދޔަ އޮގަސްޓު މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވެ އެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ތިން މައްސަލަ އެވެ. ޖެންޑާއިން ބުނީ އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ އޮގަސްޓު މަހު ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ މައްސަލައެއް އަދި ވައްކަމާ ގުޅޭ ތިން މައްސަލަ ހިމެނެ އެވެ. ހަމައެއާއެކު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލަ އެއް ހުށަހަޅާފައި ވާއިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލަ ހިމެނެ އެވެ. ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ދެ މައްސަލަ މިދިޔަ މަހު ރިޕޯޓުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ