ހާލު ރަނގަޅު ކަމަށާއި، ރަހުމަތްތެރިންނާއި، ހެޔޮ ދުޢާތައް ފޮނުއްވަވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
މައުމޫން ކޮވިޑް-19 އަށް ފައްސިވިކަން ރޭ 22:30 ހާއިރު އިއުލާން ކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މައުމޫން ކޮވިޑް-19 އަށް ފައްސިވިކަން އެނގުމާއި އެކު ވަރަށް ގިނަ ބަޔަކު ގެންދަނީ އެމަނިކުފާނަށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
ދެންމެ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަހުމަތްތެރިންނާއި ހެޔޮ އެދުންތައް ފޮނުއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ﷲ ގެ އިރާދަފުޅާއި އެކު ހާލު ރަނގަޅު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި ހުރިހާ އެންމެން ވެސް ދަތި އުނދަގޫތަކުން ސަލާމަތް ކޮށްދެއްވުން އެދި މައުމޫންގެ ޓްވީޓްގައި ދުއާ ކުރައްވާފައި ވެއެވެ.
މައުމޫނަށް އަވަސް ޝިފާއެއް ލިބުން އެދިވަޑައިގަންނަވާ ކަމަށް ރައީސް ޞާލިހް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
މައުމޫން ކޮވިޑް-19 އަށް ފައްސިވެފައި ވީނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. އެކަމަނާ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑް-19 އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
މައުމޫން ކޮވިޑް-19 އަށް ފައްސިކަން އެނގުނީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، އިއްޔެ ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.
މައުމޫންގެ އުމުރުފުޅުން މިހާރު 82 އަހަރު ވެފައި ވާތީ އެމަނިކުފާނަކީ ކޮވިޑް-19 ޖެހިއްޖެނަމަ ހާލުކޮޅު ސީރިއަސް ވުމުގެ ފުރުސަތު އޮތް ކެޓަގަރީއަށް ފެތޭ ބޭފުޅެކެވެ.
މައުމޫން ކޮވިޑް-19 އަށް ފައްސިވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް ލިބުން އެދި މީސް މީޑިއާގައި ހެޔޮ އެދުންތައް ފޮނުވަމުންނެވެ. ރައީސް މައުމޫނަށް އަވަސް ޝިފާއެއް ލިބުން އެދި ޓްވީޓް ކުރެއްވި ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދާއި ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ހިމެނެއެވެ.
އަޅުގަނޑުގެ ހާލު ރަނގަޅު، ހެޔޮ ދުޢާތަކަށް ޝުކުރިއްޔާ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ