އީސީން އަންގާ ކަންކަން ކުރާ ގޮތަށް އިސްލާހު ގެންނަން ޕާޓީތަކުން ދެކޮޅު!

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުން އަންގާ ކަންކަން ކުރަން ވާނެ ކަމަށް ގާނޫނުގައި ލިއުމަކީ ހައްދެއް ނެތް މިންވަރަށް ބާރުތައް ކޮމިޝަނަށް ޖަމާކޮށް، ކޮންމެ ފަދަ އެންގުމެއް އެންގިދާނެ ފަދަ އިސްލާހަކަށް ވާތީ އެކަން ގާނޫނުގައި ހިމަނަން ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ އިރު އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޕީޕީއެމާއި ޕީއެންސީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީން ވެސް ބައިވެރިވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ޕާޓީތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ހަ ވަނަ މާއްދާގެ (ފ) އޮތީ، "ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން އަންގާ ކަންކަން ކުރަން" ޖެހޭ ގޮތަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެ އަކުރުން ވަަރަށް ބޮޑެތި ބާރުތަކެއް އިލެކްޝަންސް ކޮމިޝަނަށް ޖަމާވެ އެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ އެ އަކުރު އުވާލާށެވެ. އެ ހުށަހެޅުއްވުމަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް ތާއީދުކުރި އެވެ.
ޕާޓީތަކުން ބުނީ އެ އަކުރުގެ ސަަބަބުން އެހެން މާއްދާތަކުގެ ބާރު ވެސް ކެނޑިގެންދާ ކަމަށެވެ.
ޕާޓީތަކުން އެދުނު ގޮތަށް އެއީ އިސްލާހެއް ގެންނަން ޖެހޭ ކަމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މުހިއްމު ބައެއް އިސްލާހުތަކުގެ ތެރޭގައި ދަރަންޏަށް ޒިންމާވުމާއި ޕާޓީތަކުގެ މަގާމްތަކުގައި 33 ޕަސެންޓް އަންހެނުން ތިބުމާއި ގާނޫނާ ޚިލާފުވުމުން އަޅާ ފިޔަވަޅުގެ ޖޫރިމަނާ ބޮޑު ކުރުމާއި އިސް މަގާމްތަކާ ހަވާލުވެ ތިބޭ މީހުން ޖޫރިމަނާކުރުމާއި އިންތިޚާބުތަކުގައި އީސީގެ ދަފްތަރަށް ވޯޓުލުމާއި ވަކި މުއްދަތަކަށް ޕާޓީ ސަސްޕެންޑްކުރން ހިމެނެ އެވެ.
ބައެއް އިސްލާހުތަކުން ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅޭތީ އާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް މާއްދާތައް އުވާލަން ޕާޓީތަކުން މިއަދު އެދުނެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލައިގެން އެތެރޭގެ އިންތިޚާބުތައް ކުރިއަށް ގެންދަން ވެސް ޕާޓީތަކުން ދެކޮޅެވެ.
އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ މެންބަރުންގެ ލިސްޓަށް ބަލައިގެން ހަރަކާތްތައް ހިންގާ ގޮތަށް އޮތުމަކީ އެ ކޮމިޝަނުން ޕާޓީ ހިންގުމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށް ޕާޓީތަކުން ބުންޏެވެ.
އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އިސްލާހުކުރަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ނުފޫޒެއް އޮވެގެން ވެސް ނޫން ކަމަށެވެ. ބޭނުމަކީ ޕާޓީތައް އިތުރަށް ޒިންމާދާރުކުރުވައި ބާރުވެރިކުރުވުން ކަމަށް ވިދާޅުވި އެވެ.
"މި އިސްލާހުތައް ގެންނަނީ އެއްވެސް ފަރާތެއްގެ ނުފޫޒަކުން ނުވަތަ އަންގައިގެނެއް ވެސް ނޫން. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އަޅުގަނޑުމެން ފަށައިފިން 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން،" ޝަރީފް ވިދާޅުވި އެވެ.
ގާނޫނަށް ގެންނަން އެދޭ އިސްލާހު ލިއުމުން ފޮނުވައިދޭން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގައި އެދިފައިވާ ކަމަށާއި އޭރު އެކަން ނުވެ ލަސްވެފައިވާ ކަމަށް ވިދާޅުވި އެވެ. އަލުން އެ މަސައްކަތް ކުރަނީ ވަކި ބަޔަކަށް ފިޔަވަޅު އަޅަން ނުވަތަ ވަކި ބައެއްގެ ހަރަކާތް ހުއްޓުވަން ކަމުގައި ނުދެކުމަށް އޭނާ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ