ރައީސް މައުމޫން ތުރުކުރައްވައިގެން އޮންނެވީ ނަސްރީނާގެ ހެދުން ކޮޅެެއް ނޫން

ކޮވިޑް-19 އަށް ފައްސިވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާގެ ހެދުން ކޮޅެއް ތުރުކުރައްވައިގެން އޮންނެވި ކަމަށް ބުނެ މީސް މީޑިއާގައި ފޮޓޯއެއް ދައުރުވިއެވެ. އެ ފޮޓޯ ދައުރުވުމާއެކު އެތައް ބަޔަކު އޭގެ ހަގީގަތް ނޭނގި ވާހަކަ ދައްކާފައި ވެއެވެ.
މީސް މީޑިއާގައި އެމަނިކުފާނުގެ މާޖެހި ޕަޖަމާސްއެއް ތުރުކުރައްވައިގެން، އޮންނެވި އެ ފޮޓޯ ދައުރު ކުރި ބައެއް މީހުން ބުނެފައިވާގޮތުގައި، އެ ހެދުމުގެ ފަހަތުގައިވާ ސިއްރަކީ އެމަނިކުފާނާއި ނަސްރީނާ ދެމެދުގައި އޮތް ދުވަސްވީ ލޮތްބެވެ.
އެ ހެދުން ވައްތަރީ އަންހެން ކަނބަލުން ތުރުކުރައްވާ ކަހަލަ ކުރުތާއަކާއި ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އެއީ އެ ހެދުމުގައި މާ ތަކެއް ޖަހާފައިވުމުން ކަމުގައި ވެދާނެއެވެ.
ނަމަވެސް، އެއީ އެމަނިކުފާނު އަމިއްލަ ހެދުންކޮޅެއް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޓްވިޓާގައި ފޮޓޯއެއް ހިއްސާ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ފޮޓޯއިން ފެނިވަޑައިގަންނަވަނީ، އެމަނިކުފާނުގެ އަމިއްލަ ޕަޖަމާސްއެއް ކަމަށެވެ. އަދި އެއީ މާޖެހި ހެދުންކޮޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ 1969 އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ކައިވެންޏަށް މިހާރު 51 އަހަރު ވީއެވެ.
މި ދެމަފިރިންގެ ޒަމާންވީ ކައިވެނީގެ ގުޅުމާއި ގުޅޭގޮތުން ފަރާތްތަކުން ވާހަކަދައްކައެވެ. ވަކިން ހާއްސަކޮށް އެކަމުން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.
ރައީސް މައުމޫނުގެ ދެމަފިރިކަނބަލުންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.
އޭގެ ތެރެއިން އެންމެ ދޮށްޓަށް ލިބިވަޑައިގެންނެވީ އެއްމާބަނޑު ދެ ބޭފުޅުންނެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ތިން ވަނައަށް ފާރިޝް މައުމޫނު ލިބިވަޑައިގެންނެވިއިރު އެންމެ ހަގު ބޭފުޅަކީ ޣައްސާން މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ