ޒިނޭ ކުރިކަން ސާބިތުކުރުމަށް ޑީއެންއޭ ބަލައި ގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ޒިނޭގެ ކުށް ސާބިތުކުރުމަށް ޓަކައި، ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރި ނަމަ ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ކުރީ ޒިނޭ ކުރި ކަމަށް އިއުތިރާފްވި އަންހެނެއްގެ މައްސަލައަކާ ގުޅިގެންނެވެ. އެ އަންހެން މީހާ ވަނީ އޭނާ ވިހާފައިވާ ކުއްޖާއަކީ، އެ ފިރިހެން މީހާއާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް ކޯޓުގައި ބުނެފައެވެ. އެ މައްސަލާގައި، އަންހެން މީހާއަށް ލިބުނު ކުއްޖާގެ ޑީއެންއޭ އާއި އަންހެން މީހާ ބުނާ ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ، އެ ފިރިހެން މީހާގެ މައްޗަށް ޒިނޭކުރުމުގެ ދައުވާ އުފުލިއެވެ. ދައުލަތުން ފިރިހެން މީހާގެ މައްޗަށް އުފުލި ޒިނޭކުރުމުގެ ދައުވާ ބިނާކޮށްފައިވަނީ ކުޑަކުއްޖާއަކީ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އެ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ، އެ އަސާސްގެ މައްޗަށެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ވަނީ ޒިނޭކުރިކަމަށް އިންކާރުކޮށްފައެވެ. އަދި އެ މައްސަލައިގައި ދަށު ކޯޓުން ނިންމާފައި ވަނީ ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ ޝަރުއީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް ހައި ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރުމާ ގުޅިގެން ދައުލަތުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައިފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދެވެ. އެ މައްސަލައިގެ ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ. އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ވެސް ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެ ކަން އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ޒިނޭ ކުރިކަން ސާބިތުވާ ކަމަށްވެސް ރައުޔުގައި ވިދާޅުވިއެވެ. "އެކިއެކި އިޖުރާއީ ސަބަބުތަކާހުރެ ޝުބްހަ އުފެދުމުގެ ސަބަބުން، ހައްދުގެ ކުށާއި ގިސާސްގެ ކުށްކުރާ މީހުންނަށް އެކުށްތަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ހާާލަތްތަކުގައި އެމީހުންގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅުން އިސްލާމީ ޝަރީއާގައި ހުއްދަ ވެގެންވޭ،" ހުސްނުއްސުއޫގެ ރައުޔުގައި ވިދާޅުވިއެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވާފައެވެ. ހަމައެއާއެކު ސުޕްރީމު ކޯޓުން ފާހަގަކުރި އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލު ކުރުމަށް ވެސް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ