ފެންވަރު ރަނގަޅު މަރުކަޒުތައް ހެދުމަށް އިސްކަންދެން: ކޮމިޝަނަރ އޮފް ޕޮލިސް

ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ގދ. ތިނަދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރަޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރުން ކަމުގައެވެ.
އެގޮތުން ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.
އަދި އެޅިގެންދިޔަ ބިންގަލަކީ އެކަންކަން ފުރިހަމަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި މި ބިންގަލީ ގދ. އަތޮޅުގެ އިގްތިސާދީ ސިނާއަތާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން އިތުރުކުރުމށް އެޅިގެންދިޔަ ބިންގަލެއް ކަމަށްވެސް ވިސީޕީ ހަމީދު ދާޅުވިއެވެ.
މީގެއިތުރުން މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން އެކުގައި މަސައްކަތްކޮށްދެއްވުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އެޅިގެން މިދާ ބިންގަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އެ އިމާރާތަކުން ރައްކާތެރިކަން ކަށަވަރު ވެގެންދާނެ އިމާރާތެއް ކަމުގައި ވިދާޅުވިއެވެ.
އަދި ތިނަދޫގައި ހިދުމަތް ފޯރުކޮށްދެވޭނެ މިންވަރަށް ފުލުހުން ބޭތިއްބުމަށާއި އަދި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކޮށްދިނުމަށް އެދިލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ