މެމްބަރު އީސަގެ ތުހުމަތުތަކެއް ނ. އަތޮޅު ކައުންސިލަށް

ބަޔަކާ ހަވާލުކޮށްގެން ތަރައްގީކުރުމަށް ދިޔަ ފަޅުރަށެއްގައި ހުރި މުދާތައް އަތޮޅު ކައުންސިލުން ގެންދިޔަ ކަމަށާއި، ރައްޔިތުންގެ މުދާ ނ. އަތޮޅު ކައުންސިލަށް ނުބެލެހެއްޓޭކަމަށް ބުނެ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު އީސާގެ ގިނަ ތުހުމަތުތަކެއް ނ. އަތޮޅު ކައުންސިލަށް އަމާޒުވެއްޖެއެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި ބަހުސްކުރައްވަމުން މެންބަރު އީސަ ވިދާޅުވީ ބައެއް އަތޮޅު ކައުންސިލުތަކުން ގާނޫނީ ގޮތުން ހަވާލުކޮށްފައި އޮންނަ މަސްއޫލިއްޔަތުގެ އިމުން ބޭރުން، ގާނޫނުން ނުލިބޭ ބާރުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މެންބަރު އީސަ ވިދާޅުވީ ބައެއް ކައުންސިލުތައް ވަކި ދައުލަތެއް ގޮތުގައި ހިންގަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެމީހުންނަށް ރައްޔިތުންގެ މުދާ އެންމެ ރަނގަޅު ގޮތުގައި ނުބެލެހެއްޓޭ ކަން ނ. އަތޮޅުން ފެންނަމުންދާ ކަމަށް އީސަ ވިދާޅުވިއެވެ. އެގޮތުން ނ. އަތޮޅުގައި ބަޔަކާ ހަވާލުކޮށްގެން ތަރައްގީކުރަމުން ދިޔަ ރަށެއްގައި ހުރި މުދާތައް އުސޫލެއް ނެތި ކައުންސިލުން ނެގި ކަމަށް އީސަ ވަނީ ތުހުމަތުކޮށްފައެވެ. "އަތޮޅު ކައުންސިލާ ހަވާލުކުރީމަ ރައްޔިތުންގެ މުދާ އެންމެ ރަނގަޅަށް ނުބެލެހެއްޓޭކަންވެސް އަޅުގަނޑުމެންނަށް މިހާރު ހަމަ ގައިމުވެސް ނ. އަތޮޅުން ފެންނަން ފަށައިފި،" "ނ. އަތޮޅުގައި ރިސާޗު މަސައްކަތެއް ކުރުމަށްޓަކައި، ބަޔަކަށް ދީގެން ފުދޭވަރަކަށް ތަރައްގީކޮށްފަ އޮތް ރަށެއް، އެރަށުގަ ހުރި މުދަލާ އިމާރާތްތަކާ އެއްކޮށް މިނިސްޓްރީން ނޫނު އަތޮޅު ކައުންސިލާ ބަލަން ހަވާލުކުރީމަ، އެތަނަށް ވަޒީފާއަށް ނުވަތަ މަސައްކަތު ބަޔަކު އެރުވީ ކޮން ގޮތަކަށް ކަން ނޭނގި، އިއުލާނު ކުރުމެއް ނެތި، އަތޮޅު ރައްޔިތުންނަށް އެއްވެސް ވަރަކަށް ހިލަމެއް ނެތި އެތަނަށް ބަޔަކު ވަޒީފާއަށް ލައިގެން އެތަނުގަ ބޮޑެތި ކަންތައްތަކެއް ހިންގަމުން އެބަ ގެންދޭ،" އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ އެ ރަށުން އަތޮޅު ކައުންސިލުން ގެންދިޔަ މުދާތަކުގެ ފޮޓޯއާއި އާންމު ރައްޔިތުން ކޮށްފައިވާ ޝަކުވާތަކުގެ ފޮޓޯ އޭނާގެ އަތުގައި އެބަހުރި ކަމަށެވެ. އަދި އެތަކެތި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާކަމަށް އީސަ ވިދާޅުވިއެވެ. "އަޅުގަނޑު އަތުގަ އެބަހުރި އިއްޒަތްތެރި ރައީސް، ނ. އަތޮޅުގެ އާންމު ރައްޔިތުން ނަގާފަ ފޮނުވާފަ ހުރި ފޮޓޯ، އެރަށުގަ އެރަށް އެންމެ ފަހުން ބޭނުންކުރި ފަރާތުން އެރަށުގަ ބަހައްޓާފަ ހުރި އެތައް ސަތޭކަ ރުށް، ލައްކައެއްހާ ރުފިޔާގެ މުދާ އަތޮޅު ކައުންސިލު މެންބަރު ހުންނަވައިގެން އެރަށުން އަތޮޅު ކައުންސިލްގެ ލޯންޗުގަ ބާލައިގެން ގެންދާ މަންޒަރު، އިއްޒަތްތެރި ރައީސް ފޮޓޯ އަޅުގަނޑު އަތުގަ އެބަހުރި،" އީސަ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު އީސަ ދެއްކެވީ ނ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ އެ އަތޮޅު ކެނދިވަރުގެ ވާހަކައެވެ. ނަމަވެސް ނ. އަތޮޅު ކައުންސިލުން ވަނީ އީސަގެ ތުހުމަތުތައް ދޮގުކޮށްފައެެވެ. ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު މި ތުހުމަތުތަކާ ގުޅިގެން "ސަން" އަށް ވިދާޅުވީ ބައެއްގެ ހަވާލުގައި އޮތް ރަށަކަށް ކައުންސިލުން ނާރާނެ ކަމަށެވެ. އަދި އެއްވެސް ރަށެއްގައި ހުރި އެއްވެސް މުދަލެއް އަތޮޅު ކައުންސިލުން ނަގާފައި ނުވާނެކަމަށް ބަޝީރު ވިދާޅުވިއެވެ. ބަޝީރު ވިދާޅުވީ ކެނދިވަރަކީ އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ކަމަށެވެ. އެ ރަށުގައި ދައުލަތުގެ މުދާގެ ގޮތުގައި ހުރިއްޔާ ހުރި މުދާ ބަލަަހައްޓަނީ އަތޮޅު ކައުންސިލުން ކަމަށްވެސް ބަޝީރު އިތުރަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ