އިސްލާމިކް ސްޓޭޓް ޓެރަރިސްޓް ޖަމާއަތުގެ ޚޮރާސަން ގޮފި ނުވަތަ އައިއެސް-ކޭގެ ފަރާތުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރުކަމަށް ތުހުމަތުކުރެވިފައިވާ ޏ.ފުވައްމުލަކު،މާދަނޑު/ކަރިއްޔާވިލާ މުހައްމަދު އަމީން ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރުމަށް ހައިކޯޓުން ނިންމި ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާތައް ބާތިލްކުރުމަށް ހައިކޯޓުން މިއަދު ނިންމާފައިވަނީ، އެ ދައުވާތައް ކޮށްފައިވާ މުއްދަތު ފަހަނައަޅައި ދިިޔަފަހުންކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމީންގެ މައްސަލައާއި ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށާއި، އެއީ މައިގަނޑު ތިން ސަބަބަކާއި ގުޅިގެން ކަމަށެވެ. އެއީ ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26ވަނަ މާއްދާގެ ފ މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީއާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ގައި ބަޔާޏްކޮށްފައިވާ ތަހުގީގުކުރުމާއި ދައުވާކުރުމުގެ ޚާއްސަ މުއްދަތަށް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާތީއާއި އަދި ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ޚާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގްސަދު ގެއްލިދާތީކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަމީނަކީ ޓެރަރިސްޓެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކޮށް، އަދި އޭނާގެ މައްޗަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ. އަދި އޭނާއަކީ ރާއްޖޭގައި ހަރަކާތްތެެރިވާ އައިއެސް ޖަމާޢަތުގެ ގޮފީގެ ލީޑަރުކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައިވެސް ވަނީ ބުނެފައެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާރޓްމެންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން ބުނިިގޮތުގައި އަމީނަކީ އައިއެސް-ކޭ ނުވަތަ އައިއެސް ޚުރާސަން ނުވަަތަ އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެެރިވަމުންދާ އައިއެސް ޖަމާޢަތުގެ ގޮތްޕަށް މީހުން ރެކްރޫޓް ކޮށްދޭ މީހެކެވެ. އަމީން ވަނީ 700 ޑޮލަރުގެ މުސާރައެއް ލިބޭގޮތަށް އެ ޖަމާޢަތުގެ ޑިޖިޓަލް މީޑިޔާ ގޮފީގައި އުޅޭ ދިވެއްސަކަށް އަފްޣާނިސްތާނަށް ދިއުމަށް އެދިފައިކަމަށް އެމެރިކާއިން އާންމުކުރި މަޢުލޫމާތުގައި ވެއެވެ. އެއީ އެ ޖަމާޢަތުގެ މީޑިޔާ ގްރޫޕުން ބޭނުންވެގެން އަމީނަށް ލިޔުންތަކެއް ތަރުޖަމާކޮށްދިނުމަށްކަމަށް ބުނެއެވެ.
އެމެރިކާއިން ބުނިގޮތުގައި އަމީންއަކީ އޭނާގެ ކައިރި މީހުންނާއި ގުޅިގެން އައިއެސް ޖަމާޢަތަށް މީހުން ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އަމީންގެ ދަށުން ހަރަކާތްތެރިވާ ފަރާތްތަކުން ހަފުތާއަކު ގާތްގަނޑަކަށް ދިހަ ރެކްރޫޓްމެންޓް ސެޝަންތައް ދީނީ ކްލާސްތަކުގެ ނަމުގައި މާލޭގައި ބާއްވަމުންދިޔަ ކަމަށްވެއެވެ. މީގެން ބައެއް ގަޑިތައް އަމީންގެ ގޭގައިވެސް ނެގިކަމަށް ވަނީ ފާހަަގަކޮށްފައެވެ.
މުޙައްމަދު އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ލަންކާއަށް ގޮސްފައެވެ. އޭނާ ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސެއް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ 2011ވަނަ އަހަރުގައެވެ.
އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރަން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ