ގަހެއް ކަނޑައިދީގެން ފެށި ވިޔަފާރި، އެންމެ ފަހުން އިމާރާތް ކުރުމުގެ ދާއިރާގެ އެންމެ އުހަށް

ކާމިޔާބު ކުންފުންޏެއްގެ ވާހަކަ ދައްކާއިރު އަބަދުވެސް ދެކެވެނީ އެއް ވާހަކައެކެވެ. ބަޔަކު އިންދި ގަހެއް ފޯދި، އެ ގަހުގައި މޭވާ އެޅި ވާހަކައެވެ. ނަމަވެސް މި ވާހަކައަކީ ތަފާތު ވާހަކައެކެވެ. މިއީ ގަހެއް ކަނޑާލުން ފަދަ ކުޑަކުޑަ މަސައްކަތަކުން ފެށި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ވާހަކައެވެ.އެސް.ޖޭ ކޮންސްޓްރަކްޝަން ވުޖޫދަށް އައީ މީގެ 22 އަހަރު ކުރިން 1996 ވަނަ އަހަރުގައެވެ. އަދި މިހާރު އޮތް މެނޭޖްމަންޓުން އެ ކުންފުންޏާ ހަވާލުވީ 2002 ވަނަ އަހަރުގައެވެ. މުޙައްމަދު ޝާހިދުއާއި ޝިހާދު އިބްރާހިމްގެ ދެބެއިންގެ ބެލުމުގެ ދަށުން އެ ކުންފުނިން ކުރި ފުރަތަމަ މަސައްކަތަކީ އަމީނިއްޔާ ސްކޫލުގައި ހުރި ގަހެއް ކަނޑާލުމުގެ މަސައްކަތެވެ."އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އަމީނިއްޔާ ސްކޫލުގައި ހުރި ގަހެއް ކަނޑާލުމުގެ މަސައްކަތް. އެއަށްފަހު ފިނޭންސް މިނިސްޓްރީގެ މަގު ފާރުގެ ކުލަ ކަހައި، އަލުން ކުލަ ލުމުގެ މަސައްކަތް ވެސް ކުރިން. އޭރު މަސައްކަތު މީހުންނެއް ވެސް ނުތިބޭނެ، އަޅުގަނޑާއި އަޅުގަނޑު ބޭބެ އަމިއްލައަށް އޭރު މަސައްކަތް ކުރީ" ޝިހާދު ވިދާޅުވިއެވެ.ދެބެއިންގެ އެކަނި މަސައްކަތުން ފެށި އެސް.ޖޭ ކުންފުންޏަކީ މިހާރު ހައުސިންގް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކެޓަގަރީ ވަންގައި ހިމެނޭ ކުންފުންޏެކެވެ. މިހާރު 120 މީހުންގެ ޓީމަކާއެކު ސަރުކާރުގެ މަލްޓި މިލިއަން ރުފިޔާގެ މަޝްރޫޢުތަކުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.އެސް.ޖޭ ކުންފުނިން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަލާލާއިރު ށ. މިލަންދޫ ސްކޫލް ފަރުމާ ކުރުމާއި އިމާރާތް ކުރުން، ސ. ހިތަދޫ ސްކޫލުގައި ފައްސަތޭކަ ދަރިވަރުންގެ ޖާގައެއް ހިމެނޭ މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރުން އަދި ހދ. ކުޅުދުއްފުށީގައި ތިން ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް އިމާރާތް ކުރުން ހިމެނެއެވެ. މީގެ ތެރެއިން ށ. މިލަންދޫ ސްކޫލު އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 58،570،800 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ. އަދި 10.6 މިލިއަން ރުފިޔާގެ ސ. ހިތަދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލް އެޅުމުގެ މަޝްރޫޢު އާއި 10.4 މިލިއަން ރުފިޔާގެ ހދ. ކުޅުދުއްފުށީ ކްލާސްރޫމް ބޮލްކު އިމާރާތް ކުރުމުގެ މަޝްރޫޢުއާއެކު މި ތިން މަޝްރޫޢު ވެސް 2017 ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ނިންމާފައެވެ.މީގެ އިތުރުން އެސް.ޖޭ ކޮންސްޓްރަކްޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާ ކުރުމުގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ރާއްޖޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރި ކުންުފުނީގެ ލަޤަބު ވެސް ލިބިފައިވަނީ އެސް.ޖޭ ކުންފުންޏަށެވެ.މިހާތަނަށް އައިއިރު ރާއްޖޭގެ އެކި ރަށްރަށުގައި 12 މިސްކިތެއް އެސް.ޖޭ ކުންފުނިން އިމާރާތް ކޮށްފައިވުމުގެ ނަތީޖާއަކަށްވީ، މަސްޖިދުއް ޒިކުރާ މިސްކިތް އަލުން އިމާރާތް ކުރުމާއި ރ. އުނގޫފާރުގެ އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ މަޝްރޫޢު ވެސް އެކުންފުންޏަށް ލިބުމެވެ. މަސްޖިދުއް ޒިކުރާ ތަޅާލުމަށްފަހު އެ ބިމުގައި 10 އިމާރާތުގެ ތިން ފަންގިފިލާގެ އިމާރާތެއް އެޅުމަށް ރާވާފައިވާއިރު، އެ އިމާރާތުގެ ތިން ފަންގިފިލާ ބޭނުން ކުރަން ހަމަޖެހިފައިވަނީ މިސްކިތެއްގެ ގޮތުގައެވެ.މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ގެދޮރު އިމާރާތް ކުރުމުގައި މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް އެސް.ޖޭ ކޮންސްޓްރަކްޝަނުން މިވަނީ ހޯދާފައެވެ. މި ދާއިރާގައި ކޮންސަލްޓެންސީގެ ޚިދުމަތް ވެސް އެކުންފުނިން ފޯރުކޮށްދޭއިރު، އިމާރާތް ކުރުމާ ބެހޭ ބިލު އެކުލަވާލުމުގައި ވެސް އެކުންފުނިން ބައިވެރިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.އިޖުތިމާޢީ ޒިންމާ އަދާ ކުރުމުގައި ވެސް އެސް.ޖޭ ކޮންސްޓްރަކްޝަން އަކީ ނަމޫނާ ކުންުފުންޏެކެވެ. އެގޮތުން އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން އާންމުންނަށް ފައިދާ ލިއްބައިދޭ ފަދަ އެކިއެކި މަސައްކަތްތައް މިހާތަނަށް އައިއިރު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ."އަޅުގަނޑުމެން މަޝްރޫޢުތައް ހިންގާފައިވާ ރަށްރަށުގެ ތެރެއިން ގިނަ ރަށްރަށުގައި ސީ.އެސް.އާރް. ޕްރޮޖެކްޓްތައް ހިންގާފައިވާނެ. އެގޮތަށް ރަށްރަށުގައި އުޅޭއިރު ބައެއް ފަހަރު އަމިއްލަ ފަރާތްތަކުން ވެސް އަންނާނެ ކުދި ކުދި މަސައްކަތް ކޮށްލަން. ދުވަހަކު ވެސް ނޫނެކޭ ނުބުނަން." ޝިހާދު ވިދާޅުވިއެވެ.އިޖްތިމާޢީ ޒިންމާގެ ދަށުން އެސް.ޖޭ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތަކީ ށ. މިލަންދޫ ބަނދަރުގައި އަޅާފައިވާ ގިމަތައެވެ. ދެ ފަންގިފިލާ ހުންނަ ގޮތަށް އިމާރާތް ކޮށްފައިވާ މި ގިމަތައިގައި ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭ ތަނެއް ހުންނައިރު، މަތީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކެފޭ އޭރިއާއެއްގެ ގޮތުގައެވެ.މިފަދަ އެތައް މަސައްކަތްތަކާއެކު އެސް.ޖޭ ކޮންސްޓްރަކްޝަނުން ދަނީ އިމާރާތް ކުރުމުގެ ދާއިރާގައި މަތީ ހަރުފަތްތަކަށް ވާސިލުވަމުންނެވެ. އެކުންފުނިން ނިންމާފައިވާ ކާމިޔާބު މަޝްރޫޢުތަކާއި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާގެ ސަބަބުން ދިވެހި ސަރުކާރުގެ އިތުބާރު ހުރި ބައިވެރިއަކަށް އެކުންފުނިން ވަނީ ވެފައެވެ. ދެބެންގެ މިންނެތް މަސައްކަތުން ޤައުމުގެ ތަރައްޤީއަށް ކޮށްދީފައިވާ އަދި ކޮށްދެމުންދާ ޚިދުމަތްތައް ރާއްޖޭގެ އެކި ދިމަދިމާލުން އަލިގަދަ ދަންމަރުތަކެއްގެ ސިފައިގައި ދަނީ ފެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ