ރައީސް ޔާމީންގެ ދައުރުގައި ލ.ގަން ހޮސްޕިޓަލަށް އައިސްފައިވާ ކުރިއެރުން ރައްޔިތުން ބަލައިގެންފި- ހައްނާން
ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާކަމަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ އަބުދުލް ހައްނާން އަބުދުއްރަޙީމް ވިދާޅުވެއްޖެއެވެ.ޗެނަލް ތާރޓީން އަށް މަޢުލޫމާތު ދެއްވަމުން ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ އަބުދުލް ހަންނާން އަބުދުއްރަޙީމް ވިދާޅުވީ އެހެނިހެން ދައުރުތަކާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޒައާމަތުގައި ގަން ރީޖަނަލް ހޮސްޕިޓަލަށް ވަރަށް ގިނަ ކުރިއެރުން ތަކެއް ލިބިފައި ވާކަމަށެވެ. އެގޮތުން ޚިދުމަތްތައް ފުޅާ ކުރުމަށް ޕެރެމެޑިކް އެމްބިއުލާންސްއެއް ހޯދުމާއި، ޑައިލިސްގެ ޚިދުމަތް ފެށުމާ، ހާއްސަ ބަލީގެ ޑޮކްޓަރުން އިތުރު ކުރުމާ، ލެބޯޓްރީގެ ޚިދުމަތްތައް ފުޅާ ކުރުމުގެ އިތުރުން ތައިރޮއިޑް ފަންކްޝަން ޓެސްޓް ހެދޭކަމަށް އޭނާ ވިދާޅުވިއެވެ.މީގެއިތުރުންވެސް ކޮންފޮމޭޓިވް ޓެސްޓްތަކުގެ ތެރެއިންވެސް ވަރަށް ގިނަ ޓެސްޓްތައް އެ ހޮސްޕިޓަލުން މިހާރު ހެދޭ ކަމަށާ، އަލްޓްރާ ސައުންޑް ސްކޭން މެޝިނެއްވެސް ލިބި، އެ މެޝިން އިންސްޓޯލް ކުރުމަށްފަހު ސްކޭން ޑޮކްޓަރެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.އިތުރަށް ވާހަކަ ދައްކަމުން ހަންނާން ވިދާޅުވީ އަތޮޅުގައި ތިބެގެން ގިނަ ޚިދުމަތައް ލިބުމުގެ މަގު މިހާރު ހުރިހާ ރައްޔިތުންނަށް ވެސް ފަހި ވެފައި ވާކަމަށެވެ. އެހެންކަމުން ސިއްޙީ ޚިދުމަތް ހޯދަން މާލެ ދާ މީހުންގެ އަދަދު މަދުކަމަށާ، ބަލި މީހުން ޑޮކްޓަރަށް ދެއްކުމުގެ ރޭޓްވެސް ކުރިއާ އަޅާ ބަލާއިރު، އިތުރުވެގެން ގޮސްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަލި މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހުނަސް ފަސޭހަ ކަމާއެކު، ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައި ވާކަމަށާ، ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު ވަސީލަތްތައްވެސް ފަސޭހަ ކަމާއެކު ލިބެމުން ދާކަމަށެވެ.ހަންނާން ވިދާޅުވީ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމުގައި ހެލްތް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އެހެންކަމުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިއެރުން ލިބެމުންދަނީ މިކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުން ލިބޭތީކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ