އިބޫ އާއި ފައިސަލާއެކު އިންތިހާބު ކާމިޔާބު ކުރާނަން: ގާސިމް

އިބޫ އާއި ފައިސަލާއެކު އިންތިހާބު ކާމިޔާބު ކުރުމަށް މިތިބީ ފިސާރި ސާބިތުކަމާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓަކަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް މިރޭ ހޮވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެ ގާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓަކަށް ފައިސަލް ހޮވިވަޑައިގަތުމުން އޭނާ އަށް އިހްލާސްތެރި މަރުހަބާއާއި ތަހުނިޔާ ދަންނަވާކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލާއެކީ އިންތިހާބު ކާމިޔާބު ކުރުމަށް ފިސާރި ސާބިތުކަމާއެކު ކަމަށެވެ."
ފައިސަލް ރަނިންމޭޓްކަމަށް ހޮވި ވަޑައިގެންނެވީ އެ މަގާމަށް ވާދަކުރެއްވި އަނެއް ތިން ބޭފުޅުންނާ ވާދަކުރައްވައިގެން 15 ވޯޓުން ހަނިގޮތަކަށެވެ. ރަނިންމޭޓަކަށް ވާދަކުރި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ. އަދި ޑރ ހުސައިން ރަޝީދު ހަސަނަށް ލިބިވަޑައިގެންނެވީ 2 ވޯޓެވެ.
ފައިސަލް ރަނިންމޭޓްކަމަށް ހޮވި ވަޑައިގެންނެވި އިރު ގާސިމް ވަނީ އޭނާއަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔަކަމަށް މިއަދު ވިދާޅުވެފައެވެ. ފައިސަލަށް ކުރި ތާއިދު އަނބުރާ ގެންދަވާކަން ހާމަކުރައްވާ ގާސިމް ކުރި ޓުވީޓްގައި ވިދާޅުވެފައި ވަނީ "ރަނިން މޭޓް ކަމަށް އެމްޕީ ފައިސަލް ނަސީމަށް ކުރި ތާއީދު އަނބުރާ ގެނެސްފީމެވެ. އަދި ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ކައުންސިލް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ވޯޓް ލެއްވުމަށް އެދޭކަމަށެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ