އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭގޮތަށް ނިންމައިފި

މަސްއޫލިޔަތުތަކުން ސަސްޕެންޑުކޮށްފައިވާ، އުއްތަމަ ފަނޑިއާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް މުސާރަ ނުލިބޭގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގަން ނިންމާފައިވަނީ ފެބްރުއަރީމަހުގައެވެ. ނަމަވެސް އެފަހަރު ސަސްޕެންޑު ކުރުމުގައި ދެބޭފުޅުންގެ މުސާރަ ކަނޑާލާފައެއް ނުވެއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުއަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ސާބިތު ހެކި ލިބިފައިވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ