އިރާނުގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށްޓަކައި ރެޕަޓުއާ އަކަށް އދ. އިން ކަނޑައަޅާފައިވާ ޑރ. އަހްމަދު ޝަހީދު އެ މަގާމުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ގަރާރު އެޖެންޑާކުރަން އަދި ނުނިންމަވާ ކަމުގައި މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވީ ރިޔާޒުގެ ގަރާރު މަޖިލީހުގެ ގަވާއިދަށް ފެތޭތޯ ބައްލަވައި، ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.
"އެޖެންޑާކުރަން ނިންމާނީ ކައުންސެލް ޖެނެރަލްގެ ލަފާ ލިބުމުން،" އަހްމަދު ވިދާޅުވި އެވެ.
ރެޕަޓުއާ ކަމުން ޑރ. ޝަހީދު ވަކިކުރަން ހުށަހެޅުއްވީ ފޮރިން މިނިސްޓްރީގެ 2010 ވަނަ އަހަރު ރިޕޯޓުގައި ހިޔާނާތުގެ މައްސަލަތަކުގެ މުގުލުގައި ހުންނެވީ އޭނާކަމަށް ވާތީ ކަމުގައި ރިޔާޒުގެ ގަރާރުގައިވެ އެވެ.
ރެޕަޓުއާގެ މަގާމަކީ ރާއްޖެ އަށް ލިބުނު ފުރުސަތެއް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް ހުރުމުން އެކަމުގެ ސަބަބުން ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ނަމާއި އަބުރާއި ގަދަރަށްޓަކައި ވެސް އޭނާ ރެޕަޓުއާ ކަމުން ދުރުކުރަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރަން ގަރާރުގައި ގޮވާލާފައިވެ އެވެ.
މިދިޔަ މަހު ނެރުނު ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސްގެ ގަވާއިދާއި މާލިއްލަތު ގަވާއިދާ ހިލާފަށް މިޝަންތަކުގެ ވަޒީފާ އަށް މީހުން ވައްދާފައިވެ އެވެ. އަދި ކޮންޓްރެކްޓް އުސޫލުން ބައެއް މީހުން ހޯދާފައި ވަނީ އިއުލާނުކޮށް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައިވާ ބުނެފައިވަނީ އދ. އަށް ކަނޑައަޅާފައިވާ ދިވެހި މިޝަންގައި ސީނިއާ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކަށް މުސާރަ އާއި އިނާޔަތަށް 830،000ރ. ދީފައިވާއިރު، އެ މަގާމަށް އޭނާ ހޯދީ އިއުލާނު ނުކޮށް ކަމަށެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތުގައި އެ މުވައްޒަފު ބަދަލުކުރީ އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕަޓުއާ އަހްމަދު ޝަހީދުގެ އެހީތެރިއަކަށް ކަމަށް ރިޕޯޓުގައިވެ އެވެ.
އދ.ގެ ރެޕަޓުއާ ކަމުން ޑރ. ޝަހީދު ވަކިކުރަން ހުށަހެޅި ގަރާރު އެޖެންޑާކުރަން އަދި ނުނިންމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ