އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ހޯމަދުވަހު ނަޝީދު ކޯޓަށް ހާޒިރުކުރަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގެ ޝަރީއަތަށް އަންނަ ހޯމަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުވާން ހުޅުމާލޭ ކޯޓުން މިއަދު ޗިޓް ފޮނުވައިފި އެވެ.އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުވާ ލިބޭތީ ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ނުދާން ހުޅުމާލޭ ކޯޓުން އިއްޔެ ވަނީ ނަޝީދަށް އަންގާފަ އެވެ.ނަލަހިޔާ ހޮޓެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ނަޝީދު ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފައިވަނީ މިއަދު ހަވީރު ކަމަށާއި އެ ޗިޓްގައި ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އަށް ކޯޓަށް ހާޒިރުވާން ކަމަށެވެ.ހިސާން ވިދާޅުވީ އެ މައްސަލައިގައި ގާނޫނީ ގޮތުންނާއި އިޖްރާއީގޮތުން ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. ހުޅުމާލޭ ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ހިސާން ވިދާޅުވި އެވެ.ހިސާން ވިދާޅުވީ ސުޕީރިއާ ކޯޓުތަކުގެ ގޮތުގައި ހިމެނޭ ހަތަރު ކޯޓު (ކްރިމިނަލް ކޯޓް، ސިވިލް ކޯޓު، ޖުވެނައިލް ކޯޓު، ފެމިލީ ކޯޓު) ހިމެނޭ ރަށެއްގައި މެޖިސްޓްރޭޓް ކޯޓު ނެހެދޭނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓު ހުއްޓަސް ސުޕީރިއާ ހަތަރު ކޯޓު އެރަށެއްގައި ހަމަވެއްޖެނަމަ އެރަށެއްގައި ހުރި މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."މިހާ ސާފުކޮށް ބަޔާންކޮށްފަ އަންނަ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުމާލޭ ކޯޓު ކިޔާ ކޯޓެއް އުފައްދާފަ އޮތީމަ އަޅުގަނޑުމެން މިދަންނަވާ އެއްޗަކީ އެއީ ގާނޫނީ މަފްހޫމާއި ހިލާފަށް އުފައްދާފައި އޮތް ކޯޓެކޭ،" ހިސާން ވިދާޅުވި އެވެ.ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި ބެލެމުންދާއިރު އެފަދަ ކޯޓެއްގައި ޝަރީއަތް ހިންގުމަކީ އިންސާފުވެރި ޝަރީއަތް ހިންގުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.މީގެ އިތުރުން ހިސާން ވިދާޅުވީ ހުއްދަ ނެތި ފުރައިގެން ނުދެވޭނެ ކަމަށް ހުޅުމާލޭ ކޯޓުން އަންގާފައިވަނީ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އަމަލުކުރާ އުސޫލާ ހިލާފަށް ކަމަށެވެ. އެ އެންގުން އަންގާފައިވަނީ އެ މައްސަލަ ތާވަލްކޮށް ޗިޓް ފޮނުވުމުގެ ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.ނިއުސް ކޮންފަރެންސްގައި ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ މައްސަލަ ބެލުމަށް ބެންޗް އެކުލަވާލާފައިވަނީ ވެސް ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ބެލުމުގައި އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެޖިސްޓްރޭޓުން އެކުލަވާލައިގެން ބެންޗް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.ހަސަން ވިދާޅުވީ އެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެއްގެ މައްސަލަތަކެއް މިހާރުވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންގެންދާ ކަމަށެވެ. އެހެންކަމުން އެފަދަ ފަނޑިޔާރުން ތިބެގެން މައްސަލަތައް ބެލުމަކީ އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އާންމު އުސޫލުން އަމަލުކުރާ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."އެ މެޖިސްޓްރޭޓުންގެ ތެރެއިން އެއް މެޖިސްޓްރޭޓެއްގެ ދެ މައްސަލައެއް ބަލަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، އެ މެޖިސްޓްރޭޓުގެ ކޮރަޕްޝަންގެ މައްސަލައަކާއި ބަދުއަޚުލާގީ މައްސަލައެއް މިހާރުވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާކަން ފާހަގަކުރެވޭ،" ހަސަން  ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު އެއީ ޖިނާއީ ބޮޑު މައްސަލައެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ބެލުމަށް ތިން ފަނޑިޔާރުންގެ ޕެނަލެއް އެކުލަވާލުމަކީ އާންމު އުސޫލުން އަމަލުކުރާ ގޮތް ނޫން ކަމަށާއި އެހެންކަމުން ނަޝީދުގެ މައްސަލަ އެކަނި ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމުގެ އުސޫލާ ހިލާފްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެހެންކަމުން އެކަމުގައި ނަޝީދުގެ ހައްގުތަކެއް ގެއްލި އާންމު އުސޫލާ ހިލާފަށް އަމަލުކުރާއިރު ޕްރޮސެކިއުޓާ ޖެނެރަލް ޒިންމާ އަދާނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއުމަން ރައިޓްސް މިނިސްޓްރީން ވެސް އެކަމުގައި ވަކި އެއްޗެއް ބުނެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.ހަސަން އިތުރަށް ވިދާޅުވީ އެކަންތައްތައް ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާކުރަނީ ކުރީގެ ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.ނަޝީދުގެ މައްޗަށް މި ކުށް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ