ޔާމީނާ މަސްތުވާތަކެއްޗާ ގުޅުމެއް ނެތް، ގުޅުން އޮތީ ނަޝީދު: އުމަރު

މަސްތުވާތަކެތީގެ ބޮޑުންނާ ރައީސް އަބްދުﷲ ޔާމީން ގުޅުން އޮންނަ ކަމަށް ކުރިން ތުހުމަތު ކުރެއްވި ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން މިއަދު ދޮގު ކުރައްވައިފި އެވެ.މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ކުރެއްވި ތުހްމަތުގެ ތަހްގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސުވާލު ކުރެއްވުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ކުރީގެ ރައީސް ނަޝީދަށް އިޝާރަތްކުރައްވައި އުމަރު ވިދާޅުވީ އެ މަނިކުފާނު ބަނގުރާ ބޭނުންކުރައްވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ކުޑަކަމުދާ އެއްޗެހި ޗެކްކުރިޔަސް، މިހާރު ވެސް ޕޮޒިޓިވް ވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ."ރައީސް ޔާމީނާ މަސްތުވާ ތަކެއްޗަކާ ގުޅުމެއް ނެތޭ. މަސްތުވާ ތަކެއްޗާ ގުޅުން އޮތް ރައީސުން މި ރާއްޖޭގައި ވެރިކަން ކޮށްފައި ހިނގައްޖޭ. އެއީ އަޅުގަނޑުގެ ޖަވާބަކީ. މި ދެންނެވި ރައީސުން މި ގައުމުގެ ވެރިކަމުގައި ތިއްބަވާ، ވެރިކަމުގެ ޝާނާއި ޝައުކަތުގައި ތިއްބަވާ، 50 އަހަރު ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވަމުން ވަޑައިގަންނަވާ، މުލިއާގޭގައި ހައެއް ފެބްރުއަރީ ދުވަހުގެ ރޭ ބަނގުރާ ހިއްޕަވައިގެން، ސިފައިންގެ އަށް ވަޑައިގަންނަވާ، އެތާ ހުންނަވާ އަމިއްލަ އަށް އިސްތިއުފާ ދެއްވާ، ނުކުންނަވާ ބާޣީ، ބާޣީއޭ ގޮވާ މުޅި ރަށުތެރޭގައި ދުއްޕާންކޮށް، އަމާންކަން ނަގާލާ، ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ އާއިލާތަކަށް ހަމަލާ ދީ މި ހުރިހާ ކަމެއް ވަނީކޮށްފައި،" އުމަރު ވިދާޅުވި އެވެ.އީވާ ކުރެއްވި އެ ސުވާލަކީ މިނިސްޓަރުކަމުގައި ދެއްކެވި ވާހަކައަކަށް ނުވާތީ ޖަވާބުދާރީވުން ލާޒިމް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ."ގާނޫނު ބުނާ ގޮތުން ވަޒީރުންނާ ސުވާލުކުރުމުގެ ދާއިރާ އަށް ގުޅާއިރު، އެ ވާހަކަތަކަކީ އަޅުގަނޑު މިހާރު އުފުލަމުންދާ ވަޒީރުކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބުނެފައިވާ ވާހަކައަކަށް ނުވާތީ، ގާނޫނު ބުނާ ގޮތުން އެއީ އަޅުގަނޑު ޖަވާބުދާރީވުން ލާޒިމު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އުމަރު މިއަދު މަޖިލީހުގައި.--ފޮޓޯ: މަޖިލިސް އަސްލު ސުވާލަށް ޖަވާބު ނުދެއްވައި އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ދޭ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ ގޮތަށް އުޅުމަށް ހިތްވަރު ދޭ މީހުންނާއި ބިރަކާނުލައި މަޖާކުރުމަށް ހިތްވަރު ދޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ސިޔާސީ ޕޯޑިއަމްގައި މަސައްކަތްކުރާ މީހުންނާއި "މަސްތުގެ ހާލަތުގައި ތިބެ، އިސްތިއުފާ ދޭ ބޭފުޅުންގެ މައުލޫމާތު އަޅުގަނޑުމެންގެ އަތުގައި އެބަހުރި" ކަމަށެވެ. އަދި މަޖިލީހުން ބޭނުންވެއްޖެ ނަމަ އެ މައުލޫމާތު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރާއެކު ވާދަކުރެއްވި މިހާރުގެ ރައީސް ޔާމީނަކީ ގޭންގްތަކާ ގުޅުން އޮންނަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ގުޅުން ބާއްވަވާ އަދި ހިޔާނާތުގެ އަމަލުތައް ވެސް ހިންގަވާ ބޭފުޅެއް ކަމަށް އުމަރު ތުހްމަތުކުރެއްވި އެވެ. ޕީޕީއެމުން އުމަރު ވަކިކުރީ ވެސް އެ ވާހަކަތައް ދެއްކުވުމުން އެކަމަށް މައާފަށް އެދިވަޑައިނުގަތުމުންނެވެ.އުމަރުގެ އެ ވާހަކަތައް ބަދަލުވުމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ، ޕީޕީއެމްގެ ޕްރައިމަރީގައި ނުވަތަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުމަރު ދޮގު ހައްދަވާފައިވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީން އަރިހު ނުވަތަ ރައްޔިތުންގެ ގާތުގައި މައާފަށް އެދިވަޑައިގެންފިންތޯ އޭނާ ސުވާލު ކުރެއްވުމުން އުމަރު ވިދާޅުވީ "މައާފަށް އެދެންޖެހޭ އެއްވެސް ކަމެއް އަދި ނެތް" ކަމަށެވެ.އޭގެ ބަދަލުގައި ވިދާޅުވީ މައާފަށް އެދެން ޖެހޭނީ އެމްޑީޕީގެ އިސްވެރިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ އިޝާރާތް ކުރެއްވި އެއް މައްސަލައަކީ ފެބްރުއަރީ 8، 2012 ގައި ޕޮލިސް ސްޓޭޝަންތަކާއި ކޯޓްތަކުގައި ހުޅިޖެހި މައްސަލައަށެވެ.މިގޮތަށް އުމަރު ޖަވާބު ދެއްވަމުން ގެންދަވާތީ، އުމަރު އަބަދުވެސް ވިދާޅުވަމުންދާ އަމާނާތްތެރިކަމުގެ "ހުދު ވަލުގައި" ފިޔާތޮށި ކުލަ ޖެހުނީތޯ ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުން، އުމަރު ވިދާޅުވީ އެ ވަލުގައި އެމްޑީޕީގެ ރީނދޫ ކުލަ ނޫން އެހެން ކުލަތައް ހުންނަ ކަމަށެވެ."އަޅުގަނޑުމެންގެ ވަލުގައި ނޫ ކުލަ ވެސް ހުރޭ، އަޅުގަނޑުމެންގެ ވަލުގައި ފިޔާތޮށި ކުލަ ވެސް ހުރޭ. އަޅުގަނޑުމެންގެ ވަލުގައި ރަތްކުލަ ވެސް ހުރޭ. ހަމައެކަނި އަޅުގަނޑުމެންގެ ވަލުގައި ނުހުންނަނީ ރީނދޫ ކުލަ. އަދި އިރާދަކުރެއްވިއްޔާ ރީނދޫ ކުލަ ނުވެސް ހުންނާނެ،" އުމަރު ވިދާޅުވި އެވެ.އެމްޑީޕީގެ މެމްބަރުން ސުވާލު ކުރައްވަނީ ޖެއްސުން ކުރެއްވުމުގެ ގޮތުން ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންވެ އަދި ޖަވާބު ދެއްވާނީ ވެސް އެ މޭރުމުން ކަމަށް އޭނާ ވިދާޅުވި އެވެ."ޖެއްސުމަށް ސުވާލު ކުރާކަމަށް ވަންޏާ ޖަވާބު އަންނާނީ އެ މޭރުމުން،" އުމަރު ވިދާޅުވި އެވެ.މިނިސްޓަރުކަން ކުރައްވަނީ އެމްޑީޕީގެ ދަށުވެގެން ހުންނަން ނޫން ކަމަށާއި މަޖިލީހަށް ކިތަންމެ ވަރަކަށް ހާޒިރު ކުރިޔަސް، އަދި ސުވާލު ކުރިޔަސް "[ އެމްޑީޕީގެ މެމްބަރުންގެ] އަނގަމަތީގައި މަލަން އެޅިގެން ދާންޖެހޭނީ" ކަމަށް އުމަރު ވިދާޅުވި އެވެ.މިގޮތަށް އުމަރު ވާހަކަ ދެއްކެވިއިރު މެޖޯރިޓީ ލީޑަރު އަހްމަދު ނިހާނު އައްސަރިބަހާއި ސާބަސް ދެއްވިއިރު، ޕީޕީއެމްގެ މެމްބަރުން ތައުރީފުގެ އަތްތިލަބަޑި ވެސް ޖެއްސެވި އެވެ. އަދި އުމަރު ޖަވާބު ދެއްވަމުން އެއް ފަހު ބާރަށް ހީނލި އެވެ.މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި އުމަރު އެގޮތަށް ވާހަކަ ދެއްކެވުމުން މަޖިލީހުގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.އެގޮތުން އުމަރު މަޖިލީހަށް ވަޑައިގަތީ އެމްޑީޕީއާ ދިމާކުރައްވަންތޯ މޫސަ ސުވާލުކުރެއްވި އެވެ. އަދި އިހްތިރާމާ އެކު ވާހަކަ ދެއްކެވުމަށް ވެސް އެދިވަޑައިގަތެވެ.ރައީސް ޔާމީނާ ގޭންގްތަކާ ގުޅުން އޮންނަ ކަމަށް އުމަރު ކުރިން ތުހުމަތު ކުރެއްވިއިރު، އެކަން ވެސް ރައްޔިތުންގެ ކުރީގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ