ގާޒީ ހައްޔަރުކުރީ ނަޝީދުގެ އަމުރަށް، އެކަމުގައި ތޮލްހަތުގެ ދައުރެއް ނެތް: ވަކީލް
ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކަމަށާއި އެކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ދައުރެއް ނެތް ކަމަށް ތޮލްހަތުގެ ވަކީލް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 2012 ގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް، ކ. ގިރިފުށީގައި ބެހެއްޓި މައްސަލާގައި ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު ތޮލްހަތަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.ތޮލްހަތު ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ވަކީލް މުހައްމަދު ޝާހު ވިދާޅުވީ ގާޒީ ހައްޔަރުކުރީ ނަޝީދުގެ އަމުރަށް ކަމަށާއި އެކަމުގައި ތޮލްހަތުގެ ޖިނާއީ އެއްވެސް ގަސްދެއް ނެތް ކަމަށެވެ. އަދި ސިފައިންގެ ޗެއިން އޮފް ކޮމާންޑް އެކުލެވިފައި އޮތްގޮތުން ޑިފެންސް މިނިސްޓަރަށް އެންގުމެއް ނެތި، ވަކިވަކި ސިފައިންގެ މައްޗަށް ރައީސަށް އަމުރު ކުރެވޭ ކަމަށާއި ގާޒީ ހައްޔަރުކުރީ ވެސް އެގޮތުން ކަމަށް ޝާހު ވިދާޅުވި އެވެ.ޝާހު ވިދާޅުވީ ތޮލްހަތު މަގާމުން އިސްތިއުފާ ދިން ނަމަވެސް އަބްދުﷲ ގާޒީ މިނިވަން ނުވާނެ ކަމަށާއި ސަބަބަކީ ގާޒީ ހައްޔަރުކޮށްފައި ވަނީ ސިފައިންގެ އޭރުގެ އެންމެ އިސްވެރިޔާ ނަޝީދުގެ އަމުރަށް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަޝީދު އެ އަމުރު ކޮށްފައިވަނީ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީގެ މައްޗަށް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު މިއަދު ހައި ކޯޓުން ގެނައުމަށް ފަހު ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ. -- ހަވީރު ފޮޓޯ: ނިޝާން އަލީ ގާޒީ ހައްޔަރުކުރަން ހިންގި އެއްވެސް އޮޕަރޭޝަނެއްގެ ލިޔުމުގައި ތޮލްހަތު ސޮއިކޮށްފައިނުވާ ކަމަށާއި ތޮލްހަތު ސޮއިކުރި ކަމަށް ދައުލަތުން ބުނާ ލިޔުމަކީ އޭރު މާލޭ ތެރޭގައި މުޒާހަރާތައް އިތުރުވުމުން ސަލާމަތީ ކަންކަން ބަލަހައްޓަން ހިންގި އޮޕަރޭޝަނާ ގުޅޭ ލިޔުމެއް ކަމަށް ޝާހު ވިދާޅުވި އެވެ. އެއީ އެއްވެސް ގޮތަކަށް ގާޒީ ހައްޔަރުކުރަން ސޮއިކުރި ލިޔުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ އެއްވެސް ތަހުގީގެއް ހިންގާފައިނުވާ ކަމަށް ވިދާޅުވެ، ޝާހު ވިދާޅުވީ އެ ތަހުގީގުކޮށްފައި ވަނީ ފުލުހުން ކަމަށާއި އެކަމަކު އަބްދުﷲ ގާޒީއަށް ފިޔަވަޅު އަޅަން ކުރި މަސައްކަތުގައި ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ. އެހެންވެ ތޮލްހަތުގެ މައްޗަށް ފުލުހުން ކުރި ތަހުގީގު އިންސާފުވެރި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެ މައްސަލަ ތަހުގީގުކޮށްފައި ވިޔަސް އެ ކޮމިޝަނަކީ ޖިނާއީ ތަހުގީގުކުރެވޭ އިދާރާއެއް ނޫން ކަމަށް ޝާހު ވިދާޅުވި އެވެ.އެކަންކަން ފާހަގަކޮށް، ތޮލްހަތުގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށެވެ.ޝާހުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ތޮލްހަތަކީ ގާޒީ ހައްޔަރު ކުރުމުގެ އިސް މޭސްތިރިއެއް ކަމަށާއި އޭނާ އެކަން ކޮށްފައިވަނީ ސިފައިންގެ މުއައްސަސާ ނިވާ ފަށްގަނޑަކަށް ބޭނުންކޮށްގެން ކަމަށެވެ. އަދި އަބްދުﷲ ގާޒީއަށް އޭރު ކުރެވުނު ސީރިއަސް ތުހުމަތުތަކުގެ ވާހަކަ ތޮލްހަތުގެ ފަރާތުން ޝަރީއަތުގައި ދެއްކިޔަސް އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުން ހައްޔަރު ކުރުމުގައި އަމަލުކުރަންޖެހޭ އިޖްރައާތު އެއްވެސް މިންވަރަކަށް އެކަމުގައި ފުރިހަމަކޮށްފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.މީގެ އިތުރުން ތޮލްހަތުގެ މައްޗަށް ތަހުގީގު ހިންގިއިރު އޭނާގެ މައްޗަށް ތުހުމަތު ކުށް ބަޔާންކޮށްދީފައިވާ ކަމަށާއި އެހެންވެ ކޮންމެހެން ޓެރަރިޒަމްގެ ތުހުމަތެއް ކުރާކަން އަންގަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ކުރާނެ ދައުވާތައް ނިންމުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރަމުންދާ ކަމެއް ވެސް ދައުލަތުގެ ވަކީލާ ވިިދާޅުވި އެވެ.މިއަދުގެ އަޑުއެހުމަށް ކަނޑައެޅި ވަގުތު ހަމަވިއިރު ވެސް ދައުލަތުގެ ވާހަކަތައް ނުނިމުމުން ދެން އޮންނަ އަޑުއެހުމުގައި ދައުލަތަށް ފުރުސަތު ދޭނެކަން އިއުލާން ކުރުމަށް ފަހު ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފަ އެވެ. އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ