އިންތިޚާބުގައި ހޯދި ކާމިޔާބީއަށް ހަތަރު ޕާޓީއަށް މަރުހަބާ: މައުމޫން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގިނަ ކައުންސިލްތަކުގެ ބޮޑު އިންސައްތައެއް ބޮޑުތަފާތަކުން ކާމިޔާބުކޮށްފައިވަނީ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީން ނެވެ.
މި ކާމިޔާބީ ފާހަގަކުރައްވައި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިއްޔެގެ އިންތިޚާބުގައި ގުޅިފައިވާ ހަތަރު ޕާޓީ އިން މި ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ އިސްކުރަންވީ ޤައުމު ކަމަށްވެސް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިއްޔެ ދިވެހި ރައްޔިތުންނަށް ދެއްވި މަތިވެރި ނަސްރަށްޓަކައި މާތްﷲ އަށް ހަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިރާދަކުރެއްވިޔާ ގަދަހިއްވަރާއި އެކު ގުޅިފައިވާ 4 ޕާޓީ އިން އިސްލާހަށްޓަކައި ހިތްވަރާއި އެކު ކުރާ މަސައްކަތުގައި ކުރިއަށްދާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ތާއީދުކުރެއްވިކަން ރަސްމީކޮށް ހާމަކުރައްވާފައި އެވެ.
އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް މައުމޫނަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށާއި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް މައުމޫން ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ކާމިޔާބުކޮށްފައި ވާއިރު ސިޓީ ކައުންސިލްތަކުގެ ވޯޓު ކާމިޔާބުކޮށްފައި ވަނީވެސް އިދިކޮޅު ޕާޓީތަކުންނެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރު، އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނޑި އާއި، މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވާކަން ވަގުތީ ނަތީޖާއިން ވަނީ ދައްކާފަ އެވެ. އަދި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމުހޫރީޕާޓީ އިން ވަނީ މިހާތަނަށް 11 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އިދިކޮޅު ފަރާތްތަކުން ތަފާތުބޮޑު ނަތީޖާއަކުން އިންތިޚާބު ކާމިޔާބުކޮށްފައި ވާއިރު، ސަރުކާރު ހަމަމަގަށް އެޅުވުމަށް ކަމަށްބުނެ އިސްލާހީ މަސައްކަތްތަކެއް ފަށާފައިވާއިރު، އެހަރަކާތުގައި އެންމެ ހަރަކާތްތެރި އެއް ޕާޓީ ކަމުގައި ޖުމުހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ބަންދުކޮށް ވަނީ ދޫނިދޫގައި ބަހައްޓާފަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ތަފާތު ތިން ދައުވާއެއް އުފުލައި ޝަރީއަތްދަނީ ހިނގަމުންނެވެ. މީގެ އިތުރަށް އެކިއެކި ސިޔާސީ ލީޑަރުންގެ މައްޗަށް ދައުވާއުފުލި ޝަރީއަތް ކުރެވި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާއިރު، އެކިއެކި ފިއްތުއްތަކާއި ހުރެ ގިނަ ސިޔާސީ ލީޑަރުން ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅެން ފަށާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ