ކައްވަޅުގައި އޮވެގެން ވެސް ނަޝީދު އާއި އަޅުގަނޑު އަޑުއުފުލާނަން – ގާސިމް

ޑިމޮކްރަސީ ހަލާކުވެގެން ދާނަމަ ކައްވަޅުގައި އޮވެގެން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގާސިމް އިބްރާހިމް އަޑުއުފުލާނަން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިރޭ ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާއެެއްގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހިންނަށް ގެނެސްދިނީ ހަޒާނާއެއް ކަމަށާއި ރައީސް މައުމޫން ގެނެސްދެއްވި ޑިމޮކްރަސީ ހަލާކުވެގެން ދާތަން ބަލަން "ކައްވަޅުގައި އޮވެގެން ވެސް އިނގިލިފުޅު ހަލުވާނެ" ކަމަށެވެ.
"ދެން އެކަމާއި ރުޅިއައިސްގެން މީހަކު އުޅުނަސް އެކަމެއް ދުލެއް ނުވާނެ. ރައީސް ނަޝީދު ކައްވަޅުގައި އޮތަސް އެއަޑު އުފުލާނެ. މިގާސިމް އިބްރާހިމް ވެސް އަޑުއުފުލާނެ." ގާސިމް ވިދާޅުވިއެވެ.
"މަރާލައްވާ އާދެ. އޭކޭ 47 ގެނެސް މަގޭ ގަޔަށް ޖެހިދާނެ. މިއަޒުމެއް ނުގުޑާނެ އިނގޭތޯ. ސާބިތުކަމާއި އެކީގައި ޑިމޮކްރަސީ ހޯދައިދޭނަން. އަޅުގަނޑުމެން މުއައްސަސާތައް ޒިންމާދާކުރުވާ ސަރުކާރު ޒިންމާދާރު ކުރުވާނަން. ރައްޔިތުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތް ކުރާނަން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ "ޤާނޫނު އަސާސީ ޤާނޫނުތަކުން މަތިކޮށްފައިވާ ކަންކަމުގައި ސާބިތުވެ ތިއްބަވާށޭ. އޭރުން ކާމިޔާބު ވާނެ." ކަމަށެވެ.
ގާސިމް ވިދާޅުވީ މީހަކު ބިރުދެއްކި ނަމަވެސް ރައްޔިތުންނަށްޓަކައި ކޮށްގެން ތިބި ހުވަޔާއި އެއްގޮތައް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ މަތިވެރި ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މާތްﷲ ގަންދީ ކުރާ ހުވަޔަކީ ތާކުންތާކުނުޖެހި ދާނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ