ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށްކަން އެނގިތިބެ ހައްޔަރުކޮށްގެން ގެންގުޅުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޑރ ހުސައިން މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށްކަމަށާ މިއަދު އެކަން އެނގިތިބެ އެމަނިކުފާނު ހައްޔަރުކޮށްގެން ގެންގުޅުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއްކަމަށެވެ. ޑރ ހުސައިން ވަނީ ގާސިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ކަނޑައެޅިފައިވާ އިޖްރާތްތަކާއި ޚިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގިނަ ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.
އަދި ގާސިމް ހައްޔަރުކުރި މައްސަލަ ފަހުން ބެލޭނެކަމަށާ އެ މައްސަލަ މިހާރުން މިހާރަށް ހައްލުކުރެވޭނީ ގާސިމް ވަގުތުން މިނިވަންކޮށްގެންކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދި ގާނޫނީ ނިޒާމު ހަމަޖެހިފައިވާ ގޮތާއި ޚިލާފަށް ފުލުހުން އެދިގެން ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ގާސިމް ހައްޔަރުކޮށްފައިވާތީ އެކަންކުރި ބޭފުޅުންގެ މައްޗަށް ފަހުން ދައުވާކުރެވޭނެކަމަށްވެސް ގާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލިގޮތަށް ގާސިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު، ގާސިމަށް ކުރެވޭ ތުހުމަތުތަކަކާއި ގުޅިގެން ދެފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ތަހްގީގުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގާސިމް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށްކަން އެނގިތިބެ ހައްޔަރުކޮށްގެން ގެންގުޅުމަކީ ބޮޑުކުށެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ